Last Updated: February 6, 11:19
Thursday, February 6, 2025
ޚަބަރު

ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަނީ

ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވަންޖެހޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ އެގޮތަށް އެކަން ކުރަން ނިންމާފައިވަނީ ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަޙައްދަކީ ކޮންމެ ދުވަހެއްގައިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ސަރަޙައްދެއް ކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައި އެ ސަރަޙައްދު ބެލެހެއްޓުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އެދެވޭ ގޮތެއްގައި ބަލެހެއްޓިފައި ނުވާކަމަށް ވިދާޅުވި އެވެ.

މިތަނަކީ ދުނިޔޭގެ ވޭލް ޝާކް މުޅި އަހަރުތެރޭގައި ފެންނަ ތަނެއް. އެހެންވީމަ މިތަން ރަނގަޅަށް ޕްރޮޓެކްޓު ނުކުރުމުގެ ސަބަބުން، ރަނގަޅަށް މެނޭޖު ނުކުރުމުގެ ސަބަބުން ވަރަށް ބައިވަރު ކަންތައްތަކެއް އެބަ ހިނގާ. އެއްކަމަކީ ވޭލް ޝާކްއެއް ފެނުމުން އެތަނަކަށް ގޮސް، ވޭލް ޝާކް ފަހަތުން ބައެއް ފަހަރަށް 100 ގެސްޓުންވެސް ގޮސް ފަތާ ހަދާ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، އެ ސަރަހައްދަށް ވަންނަން ބޭނުންވާ އުޅަނދުތައް ރަޖިސްޓާކޮށް މޮނިޓާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެެވެ. އަދި ފެހުރިހި ބަލަން ގެންދެވޭނީ ހަމައެކަނި އެކަމަށް ތަމްރީނުވެފައި ތިބި ޑައިވަރުންނަށް ކަމަށާއި ގެންދެވޭނީ ފަހަރަކު ފަސް ފަތުރުވެރިން ކަމަށް ވިދާޅުވި އެވެ.

އަދި ސަމްޕާ ސަރަހައްދުގެ އިތުރުން، ފެހުރިހި އުޅޭ އެހެން ސަރަޙައްދުތަކަށް ވެސް އެތަކެތި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވައިގެން ވަންނަ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި، އައު ޤާނޫނީ އުސޫލެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެކުލަވާލާފަ އެވެ.