ސްރީ ލަންކާގައި ބާއްވާ ރޭސިން މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ދެ ޒުވާނަކަށް ލިބިއްޖެ އެވެ.
ކޮލަމްބޯ ރޭސިން ކުލަބުން އިންތިޒާމުކޮށްގެން މި މަހުގެ 26 ގައި ބާއްވާ ޑްރޭގް ރޭސިން މުބާރާތް "ޑްރޭގް ވޯސް 2025" ގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ އަންސޯލްޓަޑް ރޭސިންގެ ނަމުން މަޝްހޫރު ރާއްޖޭގެ ރޭސިން ޓީމަށް ނިސްބަތްވާ ދެ އެތުލީޓުން ކަމަށްވާ ހަމްދޫން ނަސީރް (އޮމްޕި) އަދި ހަސަން ފަޔާޒެވެ.
"ޑްރޭގް ވޯސް 2025" މުބާރާތް އޮންނާނީ ލަންކާ ކަޓުކުރުންޑަ ރޭސިން ޓުރެކްގަ އެވެ.
މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެ އެ އެތުލީޓުން ވެސް ބުނީ މުބާރާތުގައި ރާއްޖެ އަށް ރީތި ނަން ހޯދައި ދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ އެކަމަށް ވަރަށް މަސައްކަތްކުރާނެ ކަމަށް އެ މީހުން ބުންޏެވެ.
ލަންކާގެ މި މުބާރާތުގައި ރާއްޖޭގެ އަންސޯލްޓެޑް ރޭސިން ވާދަކުރާ އިރު، ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އާއި ސްޕޯޓްސް މިނިސްޓްރީގެ އެހީތެރިކމަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް އެ ޓީމުން ބުންޏެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް އެތުލީޓުން ބޭރުގެ އެކިއެކި ރޭސިން މުބާރާތްތަކުގައި ވާދަކޮށްފައި އެވެ.
ރާއްޖޭގައި ރޭސިން އަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. ނަމަވެސް ރޭސިން މުބާރާތްތައް ބާއްވަން ރާއްޖޭގައި ގިނަ ހުރަސްތަކެއް އެބަހުރި ކަމަށް ރޭސިން އެސޯސިއޭޝަނުންނާއި ރޭސިން ކޮމިއުނިޓީން ވެސް ބުނެ އެވެ.