އައްޑޫގެ ކަރަންޓްގެ ހާލަތު، ޖަނަރޭޓަރު ގެނެސްގެން އެކަނި ހައްލު ނުކުރެވޭނެ ކަމަށާއި، އެކަމަށް ހައްލެއް ލިބެން އޮތީ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްގެން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލައާއި ގުޅޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ހާޒިރު ކުރުމުން، މަޖްލިސް މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިމާލް ވިދާޅުވީ، ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން ކަރަންޓް ކެނޑުމުގެ އިތުރުން ތަނުގެ ވަޒީފާގައި ތިބޭ މުވައްޒަފުން ކަރަންޓް ކަޑާ ކަމަށެވެ.
އަދި އެކަން ބަލަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެފަދަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
ނިމާލު މިފަދަ ގޮތަކަށް މިއަދު މަޖިލިސްގެ ކޮމެޓީގައި ވާހަކަފުޅު ދެއްކުމާއި ގުޅިގެން، ފެނަކަ އައްޑޫ ޑިރެކްޓަރަކު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވީ، އެއީ ކަޑައެޅިގެން ދޮގެއް ކަމަށާއި، އެކަމަކީ ވަކި މުވައްޒަފުން ތަކެއް ވަޒީފާއިން ވަކި ކުރުމަށް ދެއްވި އިންޒާރެއް ކަމަށެވެ.
"އިންޖީނުތަކުގެ ރޭޑިއޭޓަރުތައް ފަޅައިގެން ގޮސް ކަރަންޓް ކެނޑެނީ މުވައްޒަފަކާއި ހެދިތޯ. ތަނަށް ބޭނުންވާ ސްޕެއާ ނެތި ކޮން އިންޖީނުގެއެއް ހިންގޭނީ. އެކަން ފުރަތަމަ ހައްލު ކުރަންޖެހެނީ"
ޑިރެކްޓަރ ވިދާޅުވީ، ތަނުގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ފެނިގެންދަނީ ކުންފުނީގެ ކުރިއެރުމަށާއި، ރައްޔިތުންނަށް ރަނގަޅު ހިދްމަތެއް ފޯރުކޮށްދިނުމުގެ ހިއްވަރާއި، އުއްމީދެވެ. އަދި ތަނަށް ގެއްލުންދޭން މަސައްކަތް ކުރާ ބަޔަކު މި ކުންފުނީގެ ތެރޭގައި ނެތް ކަމަށެވެ.
"މީގެ ވެގެން އުޅޭ ގޮތަކީ، ސިޔާސީ ހިޔާލު ތަފާތު މުވައްޒަފުން ވަކިކޮށް، ވަކިބަޔަކަށް ވަޒީފާ ނުދެވިގެން މިއުޅެނީ. މީ ވެގެން އުޅޭ ގޮތަކީ، އެކަން ކުރުމަށް ބަހަނާ މި ދައްކަނީ"
އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ބުނެ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އައްޑޫއަށް ގެނައި 2 މެގަ ވޯޓްގެ ދެ އިންޖީނު މާލެ ގެންދިއުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ގިނަ މުވައްޒަފުން ތިބީ ހިތްހަމަ ނުޖެހިއެވެ.
އަދި އިންޖީނުތައް އަނބުރާ އައްޑޫއަށް ނުގެންނާނެ ކަން އެނގުމުން ގިނަ މުވައްޒަފުން ވަނީ އެކަމާއި ވާހަކަ ދައްކާފައެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމުގެ ބަދަލުގައި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ގެންދަވަނީ ތަން ވީރާނާ ކޮށްލަމުންނެވެ. ނިމާލުގެ ފަރާތުން މިހާތަނަށް އައްޑޫ ރައްޔިތުންނަށް ފެނިގެން ގޮސްފައިވަނީ ދޮގާއި މަކަރު ހަދާތަނެވެ.
ތިން އަހަރު ވަންދެން އެއްލަވައެއްގެ ގޮތުގައި ކިޔަމުން ދިޔަ ދެ މެގަވޯޓް އިންޖީނު އައްޑޫއަށް ގެނެސް އިންސްޓޯލް ނުކޮށް މިވަނީ ހުޅުމާލެއަށް ގެންދިއުމަށް މާލެ ގެންގޮސްފައެވެ.