ރާއްޖެ އިން އަނެއްކާ ވެސް އާ ވައްތަރެއްގެ މަހެއް ފެނިއްޖެ އެވެ.
ފަރުތަކަށް ހާއްސަ މި މަހަށް ކިޔާފައި ވަނީ "ރަކި ބުރެކި" އެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާ ގުޅިގެން ކުރިއަށް ގެންދެވުނު އެކްސްޕެޑިޝަނެއްގައި މި މަސް ފެނިފައި ވަނީ ކުރަމަތީ އައުޓަ ރީފުގެ މޫދުގެ 100 އާއި 125 މީޓަރު ދޭތެރޭގެ ފުންމިނުންނެވެ. މި ސަރަޙައްދަކީ މޫދުގެ "ޓްވައިލައިޓް ޒޯން" ގެ ނަމުން މަޝްހޫރު، އަލިކަން ފަނޑު ސަރަޙައްދެކެވެ.
މި ސަރަޙައްދަކީ ވަރަށް ޚާއްޞަ އަދި ތަފާތު ގިނަ ދިރުންތަކެއް އުޅޭ ތަނެއްކަން މި ހޯދުމުން ސާބިތުވެފައިވެ އެވެ.
މަހަށް "ރަކި" މި ނަން ދެވިފައި ވަނީ ދިވެހި ބަހުން "ރަކި" ނުވަތަ ލަދުގަތުމުގެ މާނައިގަ އެވެ. މި ބާވަތުގެ މަސްތައް ވަރަށް ފޮރުވިގެން އުޅޭ ނކަމަށާއި، ސާވޭތައް ކުރިއަށްދާ އިރު ގިނަ ފަހަރު ފެންނަން ނުހުންނަ ކަމަށް ތަޙްޤީޤުވެރިން ފާހަގަކޮށްފައިވެ އެވެ. އަދި ޑައިވަރުން ފެނުމުން މި މަސް ފިލާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އެކަމާ ގުޅުވައިގެން "ރަކި ބުރެކި" ކިޔާފައި ވަނީ އެވެ.
މި މަސް ފެނިފައި ވަނީ އއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުންނެވެ. މިހާތަނަށް މި މަސް ފެނިފައިވަނީ ހަމައެކަނި ރާއްޖެއިންނެވެ. މި މަހަކީ 2-3 އިންޗި ދިގުމިނުގެ ކުޑަ މަހެކެވެ. މިއީ ސެރަނިޑޭ (Serranidae) ޢާއިލާގެ މަހެކެވެ.
އެ ޢާއިލާގައި ހިމެނެނީ ގިނަގުނަ ކުލަތަކާއި، ތަފާތު ސައިޒުތަކާއި ބޮޑެތި ކަނޑުމަސްތަކެވެ.