ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ވަގަށް މީހުން ވައްދަ މައްސަލައާ ގުޅިގެން އާންމުންގެ ފަރާތުން 3،000 އެއްހާ ޝަކުވާ މިހާތަނަށް ލިބިފައިވާ އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީގެ ގާނޫނީ ޓީމުން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވި ޕާޓީގެ ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއްކަމުން، އެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް އައްބަސާ ޝަރީފު ވެސް އަމުރު ކުރައްވަން ޖެހޭ ކަމަށެވެ.
"މި މައްސަލައިގައި މިހާތަނަށް ތިންހާސް ޝަކުވާ ލިބުނު ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު ބެލެވޭ ގޮތުން އެ އަދަދު އެއަށްވުރެ އިތުރުވެގެން ދާނެ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ މި މައްސަލަތައް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަމުރު ކުރައްވަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް މި ފެނުނީ."
ޕީއެންސީއަށް މެންބަރުން އިތުރު ކުރަން މަސައްކަތްކޮށްފައި ވަނި އާންމުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ކަމުން، އެއީ އާންމު މަސްލަހަތު ހިމެނޭ ކަމެއްކަން މަހްފޫޒް ވިދާޅުވި އެވެ.
"ދާދި ފަހުން މި ފެންމަތިވި ގޯތި މައްސަލަ ކަމަށްވީ ނަމަވެސް. އަދި ރައްޔިތުންގެ މަޖިލީހުން ވިދާޅުވެގެން ކުރީ ސަރުކާރުން ހިންގާފައި އޮތް ސެޓްލްމަންޓްތަކާ ގުޅޭ މައްސަލަ ތަހުގީގު ކުރުމަށް ވެސް އެބަވޭ ޕީޖީ އަމުރު ކުރައްވާފައިމ" އޭނަ ވިދާޅުވި އެވެ. "އެ މައްސަލަތައް ތަހުގީގު ކުރެއްވުމަށް އަމުރު ކުރެއްވި އިރުގައި މި މައްސަލައަކީ މި ކަންތައްތަކަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ޝިޔާމް ވިދާޅުވީ އެމްޑީޕީ އަށް ލިބިފައިވާ 3،000 ޝަކުވާތަކުގެ ތެރެއިން ބައެއް ޝަކުވާތަކަކީ މީހުންގެ ސޮއި ފޯޖްކޮށްގެންނާއި އައިޑީ ކާޑުގެ ފޮޓޯ ބޭނުންކޮށްގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.
"ދެން ފިންގާ ޕްރިންޓް ފޯޖުކޮށްފައި އެބަހުރި ކަމަށް ތުހުމަތު އެބަކުރޭ އެ ޕާޓީ މެންބާޝިޕް ކަމަށް ފޯމު ހުށަހެޅި ކަމަށް ބުނާ ފަރާތުން." އޭނާ ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ އޮޅުވާލައިގެން މެންބަރުންތައް ޕީއެންސީއަށް ވައްދާފައި ވަނީ ސަރުކާރުގެ އިދާރާތަކުން ރާވައިގެން އިންތިޒާމުކޮށްގެން ހިންގި ބޮޑު ޖަރީމާއެއްގެ ތެރެއިން ކަމަށެވެ.
"މިއީ ހަމައެކަނި ޕީއެންސީން، ހަމައެކަނި ޕާޓީއަކުން ކުރެވޭނެ ކަންތައްތަކެއް ނޫން މިއީކީއެއް. މިއީ ސަރުކާރުގެ އިދާރާތަކުން ރާވައިގެން އިންތިޒާމު ކޮށްގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" އޭނަ ވިދާޅުވި އެވެ. "މިއީ އިދާރީ ގޮތުން އެޅިފައެއް ގޯހެއް ނޫން. ނޫނީ އިދާރީ މިސްޓޭކެއް ނޫން. ނޫނީ ނޭގިގެން ކޮށްގެން އުޅޭ ކަމެއް ނޫންކަން އަޅުގަނޑު ހަމަ ފާހަގަކުރަން." އޭ
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000-10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ޕީއެންސީން ސައްހަ ނޫން ފޯމްތަކެއް ހުށަހެޅި މައްސަލަ އިލެކްޝަން ކޮމިޝަނުން ބަލަމުން އަންނަ އިރު، ޕާޓީތަކަށް މީހުން ވެއްދުން ވަގުތީ ގޮތުން ވަނީ މަޑުޖައްސާލައިފަ އެވެ.
ޕީއެންސީން ވަގަށް މީހުން އެ ޕާޓީ އަށް ވައްދަން މަސައްކަތްކޮށްފައި ވަނީ މެމްބަރުންގެ އަދަދު 100،000 އަށް އަރުވަން ހިންގި މެމްބަޝިޕް ޑްރައިވްގެ ތެރޭގަ އެވެ.