Last Updated: April 19, 21:11
Saturday, April 19, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ބަށި ހެއްދުން

ބައްޓަކީ ރާއްޖޭގައި އާންމުކޮށް ހައްދައިއުޅޭ ތަރުކާރީއެކެވެ. ބަށި ހެއްދުމަށް އެކަށީގެންވާ މާހައުލެއް ރާއްޖޭގައި ލިބުމަކީ މީގެ މައިގަނޑު އެއް ސަބަބެބެވެ. ފަސޭހައިން ފެން ހިނދޭ، ތެތްފިނިކަން ހިފަހައްޓައިދޭ ބިންބިމުގައި ރަނގަޅަށް ބަށިގަސް ހެދޭކަމަށް ފާހަގަ ކުރެވެއެވެ. މިއީ ޕޮޓުގެ އިތުރުން ބިމުގައިވެސް ހައްދައި އުޅޭ ބާވަތެކެވެ.

ބިން ތައްޔާރު ކުރުން:

ބަށިގަސް އާންމުކޮށް ބިމުގައި އިންދަން ރަނގަޅީ ނާސަރީ ކުރުމަށްފަހުއެވެ. ބިން ހިޔާރު ކުރުމުގައި ވާރޭ ވެހުމުން ފެން ބޮޑު ނުވާ ތަނެއް ހިޔާރު ކުރުމާއި، ޗަސް ބިން ސަރަހައްދަކަށް ނުވުމާއި، ފަސޭހައިން ފެން ހިނދި ކަޅުފަސް ބޯކޮށް ހުރި ބިމެއްތޯ ބަލަންވާނެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ބިންތަކުގައިވެސް ރަނގަޅީ ބިން ތައްޔާރު ކުރާއިރު ކާދު އެއްކުރުމުންނެވެ.

ބަށި ގަސް އާންމުކޮށް އިންދަނީ ވަޅު ތައްޔާރުކޮށްގެންނެވެ. އެގޮތުން 2×2 ގެ ވަޅަކަށް، 4-6 ކިލޯގެ ކާދު އެއްކުރުމުން ރަނގަޅު ވާނެއެވެ. ޕޮޓުގައި ބަށިގަސް އިންދާ ނަމަ، 3 ވެއްޔަށް 1 ކާދުގެ މަގުން އެއް ކުރެވިދާނެއެވެ. ދެ ގަސް ދޭތެރޭގައި 4 ފޫޓު އަދި ދެ ބަރި ދޭތެރޭގައި 6 ފޫޓު ބެހެއްޓުމުން ގަސްތައް ހެދުމަށް އެކަށީގެންވާ ޖާގަ ލިބޭނެއެވެ.

މުޑުވައްކުރުން:

ރަނގަޅު މުޑުވައް އޮށް ވިއްކާ، ކޮލިޓީ ކަށަވަރުވާ ފަރާތަކުން އޮށް ހޯދަން އިސްކަންދޭށެވެ. މުޑުވައްކުރަން ރަނގަޅީ ސެލް ޓްރޭގައެވެ ނުވަތަ ރީނދޫ ހަމެއް ދެފަޅިއަށް ފަޅައިލުމަށް އޭގައިވެސް މުޑުވައް ކުރެވިދާނެއެވެ.

މުޑުވައްކުރުމަށް ފަހުގެ ބަދަލުގައި ބޮނބިކުނޑި ބޭނުން ކުރުމަކީ ރަނގަޅު އާދައެކެވެ. އޭގައި ފެން ހިފަހައްޓައިދީ ޅަ ގަސްތަކަށް ގެއްލުންދޭ ފަނިފަކުސާ އަދި ޖަރާސީމެއް ނުހިމެނޭނެއެވެ.

ޓްރޭގައި މުޑުވައްކުރުމަށްފަހު، ރަނގަޅަށް ފެން ސްޕްރޭކޮށްލަންވާނެއެވެ. އަދި ޓްރޭގެ މަތި ނޫސްކަރުދާހަކުން، ނުވަތަ ކޮޓަން ފޮތިކޮޅަކުން ނިވާކޮށްލުން ރަނގަޅެވެ. އަދި ގަސް ފަޅަންދެން ތެތްކަން ހިފެހެއްޓުމަށް ކޮންމެ ދުވަހަކުވެސް ފެން ސްޕްރޭ ކުރަން ވާނެއެވެ.

ނާސަރީކުރުން:

ޓްރޭގައި މުޑުވައްކުރި ގަސްތައް ފަޅައިގެން ވިހަފަތުގެ އިތުރުން 2 ފަތް ލުމުން، 6×4 ސައިޒުގެ ނާސަރީ ކޮތަޅަށް ބަދަލުކޮށްލަންވާނެއެވެ. މި އުމުރުގައި ގަހަށް ކާނާގެ ގޮތުގައި ދޭނީ ފަތަށް ސްޕްރޭ ކުރާ ކާނާއެކެވެ. އަދި ސަޕްލިމެންޓް ކޮށްލުމަށް ހަމަހަމަ އޮށް ކާނާއެއްވެސް ދެވިދާނެއެވެ.

ކޮތަޅަށް ވެލި ތައްޔާރު ކުރާނީ 3 ވެއްޔަށް 1 ކާދު އަދި 1 ބޮނބިކުނޑީގެ މަގުންނެވެ. ބޮނބިކުނޑި އެއްކުރަނީ ފެން ހިފެހެއްޓުމުގެ އިތުރުން، ކޮތަޅަށް އަޅާ ވެލި މާބޮޑަށް ބާރުވެ މޫތައް ފިނުނަ ނުދޭށެވެ.

ނާސަރީ މަރުހަލާގައި ގާތްގަނޑަށް 6-10 އިންޗި އަށް ހެދިލަންދެން ބެހެއްޓިދާނެއެވެ. ދަނޑަށް ބަދަލުކުރުމުގެ ކުރިން އަތްވައް ހާނުވާލުމަކީ މުހިންމުކަމެކެވެ. އެގޮތުން 5-7 ދުވަސް ވަންދެން، ކޮންމެ ދުވަހަކުވެސް ނާސަރީ އިން ގަސްތައް ނެރެ، އަވީގައި ޖައްސަމުން ދަނޑުގައި ރުވުމުން، ގަހުގެ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރެއް ނުކޮށް އަވަހަށް ގަސްތައް ރޯވާނެއެވެ.

ބެލެހެއްޓުން:

ޕޮޓުގައި ބަށި ހައްދާ ނަމަ، ފެން ދިނުމުގައި ޕޮޓުގެ އެތެރެ ޗަކަ ނުވާނާހެން ފެން ދިނުމަށް ވިސްނަންވާނެއެވެ. ފެން ހަރުލާގޮތަށް ޕޮޓް ތައްޔާރުކޮށްފިނަމަ، މޫ ފީވުމުގެ މައްސަލަ ދިމާވުން އެކަށީގެންވެ އެވެ.

ހާމަ ތަނެއްގައި ބަށި ހައްދާއިރު، އެންމެ އާންމުކޮށް ދިމާވާނެ މައްސަލައަކީ ހުދު ކޫޑީގެ މައްސަލައެވެ. އެހެންކަމުން ދުރާލާއި މިކަމަށް ސަމާލުވާން ވާނެއެވެ. ހުދު ކޫޑީގެ އިތުރުން ބަށީގައި އަޅާ ޝޫޓް އެންޑް ފްރުޓް ބޯރާއަކީ ގަހުގެ ޅަ ކުރިތަކަށާއި، ބަށީގެ އެތެރެއަށް ތޮރުފާލައިގެން ވަދެ ގެއްލުންދޭ ފަންޏެކެވެ.

މީގެ ބަޅިނދުވެސް ދަނޑުމަތިން ފެނޭތޯ ބަލަމުން ގެންދަންވާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހިތި އޮށު ތެޔޮ ނުވަތަ ލޮނުމެދު ބޭސް ސްޕްރޭ ކުރަން ރަނގަޅު ވާނެއެވެ. މި ދެ ބޭހަކީ ވެސް ފަނިފަކުސާ ދުރުކޮށް ދިނުމުގެ މާއްދާތައް ހިމެނޭ ދެ ބޭހެވެ. ހުދު ކޫޑީގެ އިތުރުން ލައް ބަލީގެ މައްސަތައް ވެސް ފެނޭތޯ ބަލަމުން ގެންދަން ވާނެ އެވެ.

ކެނޑުން:

ބަށީ ކަނޑާނީ ބައްޓަމާއި އެ މުޑުވަކެއްގެ ކުލަ ފުރިހަމަ، ބޭރު ތޮށި ކުޑަކޮށް ހަރުކޮށް ހުއްޓައެވެ. ބަށީގެ ތަނޑި ފެހިކުލައިން މުށިކުލައަށް ބަދަލުވާފަހުން ކަނޑާނަމަ، ބަށި އޮންނާނީ ކުޑަކޮށް ފާވާން ފަށާފައެވެ. ކެނޑުމަށް ފަހު ރީތި ފެނުން ދޮވެލައި، ހޫނު ފިލުވައި ލުމަށް، ފިނިތަނެއްގައި ރައްކައު ކުރުމުން، ގެންގުޅެވޭ މުއްދަތު އިތުރުކުރެވި، އުފުލުމުގައި ލިބޭ ގެއްލުން ވެސް ކުޑަ ކުރެވެއެވެ.

މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ