Last Updated: January 30, 12:09
Thursday, January 30, 2025
ދުނިޔެ

ސިންގަޕޫރްގައި ޓިއުޝަނަށް ކުރާ ހޭދަ މަތިވަނީ

ސިންގަޕޫރްގެ ޓިއުޝަން ސެންޓަރެއްގައި ދަރިވަރުންތަކެއް.

ސިންގަޕޫރްގެ އާއިލާތަކުން ކުދިންގެ ޓިއުޝަނަށް ކުރާ ހޭދަ އަހަރުން އަހަރަށް މަތިވަމުން އަންނަ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

އެގޮތުން އެ ގައުމުގެ ގޭބިސީތަކުގެ އާންމު ހަރަދުތަކާ ގުޅޭ ގޮތުން ކޮންމެ ފަހަރަކުން ސިންގަޕޫރް ޑިޕާޓްމަންޓް އޮފް ސްޓެޓިކްސް އިން ކުރިއަށް ގެންދާ ސާވޭގެ ތެރެއިން އެންމެ ފަހުން 2022 ގެ ޑިސެމްބަރުން 2023 ގެ ޑިސެންބަރަށް ކުރިއަށް ގެންދިޔަ ސާވޭއިން ދައްކާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ކުދިންގެ ޓިއުޝަން ފީއަށް އެކަނި 1.8 ބިލިއަން ޑޮލަރު އާއިލާތަކުން ހޭދަކޮށްފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ ގެއަށް ޓީޗަރުން ގެންގޮސް ކުދިންނަށް ނަގައިދޭ ޓިއުޝަންތަކާއި ސެންޓަރުތަކަށް ފޮނުވައިގެން ނަގާ ޓިއުޝަންތަކެކެވެ.

ސާވޭ އިން ދައްކާ ގޮތުގައި ޕްރީ-ސްކޫލް ދަރިވަރުންގެ ޓިއުޝަނަށް ވެސް ސިންގަޕޫރްގެ އާއިލާތަކުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

ގޭބިސީތަކުގެ ހަރަދުތަކާ ގުޅޭ ގޮތުން 2017-2018 ގައި ހަރަދާ ގުޅޭ ގޮތުން ހެދި ސާވޭ އިން ދައްކާ ގޮތުގައި ޓިއުޝަން ފީއަށް އާއިލާތަކުން 1.4 ބިިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު، 2013 ގައި އެ އަދަދު އުޅެނީ 1.1 ބިލިއަން ޑޮލަރުގަ އެވެ. ދެހާސް އަށަކަށް ބަލާ އިރު އެ އަދަދު އުޅެނީ 820 މިލިއަން ޑޮލަރުގަ އެވެ.

ސާވޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކުދިންގެ ޓިއުޝަން ފީ އަށް އާއިލާތަކުން ކުރާ ހޭދަ، އެ އާއިލާތަކުގެ ކެރިފޯރުންތެރިކަން އޮތް މިންވަރާ ގުޅެ އެވެ. އެގޮތުން އާމްދަނީ ގިނައިން ވަންނަ އާއިލާތަކުން، އެ އާއިލާތަކުގެ ކުދިންނަށް ޓިއުޝަން ދޭން ކުރާ ހަރަދު އިތުރެވެ.

އެގޮތުން ސާވޭ އިން ދައްކާ ގޮތުގައި އެވްރެޖްކޮށް އާއިލާތަކުން މިހާރު ޓިއުޝަން ފީ އަށް މަހަކު 104.80 ޑޮލަރު ހޭދަކުރެ އެވެ. ދެހާސް އަށާރައިގައި އެ އަދަދު އުޅެނީ 88.40 ޑޮލަރުގަ އެވެ. އަދި 2013 ގައި ޓިއުޝަނަށް މަހަކަށް ހޭދަކޮށްފައި ވަނީ 79.90 ޑޮލަރެވެ.

ސިންގަޕޫރްގައި ތައުލީމަށް އާއިލާތަކުން ކުރާ ހޭދަ އިތުރުވަމުން އަންނަ އިރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ތައުލީމާ ގުޅުން ހުރި ކަންކަމަށް ކުރާ ހޭދަ 404.20 މިލިއަން ޑޮލަރަށް އަރަ އެވެ.