މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ ބޭރުކުރަން އުޅުނު އިންޑިއާ މީހާ 12،000ރ. ރުފިޔާއިން ޖޫރިމަނާކޮށް، އޭނަ ބޭރުކުރަން އުޅުނު ފައިސާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށް ސާބިތުވެ، ކޯޓުން އެ ހުކުމްކުރީ އިންޑިއާގެ އަބްދުލް ރަގޫބް ނިސްތާރު ހަލީލް ރަހުމާން، 27، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކުރީ ސެޕްޓެމްބަރު 2، 2024 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސްރީ ލަންކާ އަށް ފުރަން އޮތް ފްލައިޓަށް އެރުމުގެ ކުރިން ޗެކިން ކުރުމުގެ ތެރޭގައި އޭނާގެ ލަގެޖު ޗެކްކު ރިއިރު ފައިސާ އަޅާފައިވާ 14 ސިޓީ އުރައެއްގެ ތެރެއިން 104،977 ޔޫއެސް ޑޮލަރާއި 31،585 ޔޫރޯ އާއި 180 ސްވިސް ފްރޭންކުގެ އިތުރުން 100 ދިރުހަމް ފެނިފައިވާ މައްސަލައިގަ އެވެ.
އަދި ރަގޫބްގެ ބެކްޕެކް ތެރެއިން އަންނައުނު އޮޅައި ފޮރުވާފައިހުރި 7 ސިޓީއުރައެއް ވެސް ފެނިފައިވެ އެވެ.
އޭނަގެ މައްޗަށް އިއްވި ހުކުމްގައިވާ ގޮތުން އެ ސިޓީ އުރަތަކުގެ ތެރޭގައި 32،395 ޑޮލަރާއި 18،790 ޔޫރޯ އޮތެވެ. އެހެންވެ ކަސްޓަމްސް އިން ކޯޓުގައި އެދުނީ ޑީކްލެއާ ކުރުމެއް ނެތި އެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅެފައިވާތީ ފައިސާ ދައުލަތަށް ނަގައި ދިނުމަށެވެ.
ދައުވާތަކަށް، ރައުގޫބް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.
އެހެންވެ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 12،000ރ އިން ޖޫރިމަނާކޮށް މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ހުކުމްކޮށްފައިވެ އެވެ.
އަދި ބޭރުކުރަން އުޅުނު ފައިސާ ކަސްޓަމަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.