ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން އާސާރުތަކެއް ފެނުމާ ގުޅިގެން އެކަމާ ގުޅޭ ދިރާސާއެއް ހެރިޓޭޖް މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ދިރާސާގެ މަސައްކަތް މި މަހުގެ 12 އިން ފެށިގެން މި މަހުގެ 24 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.
ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުގެ އާސާރުތަކެއް ފެނުނީ 2020 ގަ އެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އެކަމާ ގުޅޭ ދިރާސާގެ މި މަސައްކަތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ޔުނިވަސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހި ބަހުގެ އެކެޑަމީގެ އިތުރުން މެރިޓައިމް އޭޝިޔާ ހެރިޓޭޖް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން ޔުނިވަސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިންދަ އާޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެން އަންނަ ދިވެހި ދެ ދަރިވަރަކު ވެސް މަސައްކަތުގައި ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދިރާސީ މަސައްކަތުގެ ތެރޭގައި، ފަންނީ ގޮތުން މިސްކިތް ބިނާކޮށްފައި ހުރި ބިމުގެ އަޑީގައި ހުރި އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާއި، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރިންނާ ހިއްސާކުރެވޭނެ ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އާސާރީ ތަރިކައާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބި، އެ ދާއިރާގެ ތަޖުރިބާކާރުން އުފެދޭނެ ކަމަށެވެ.