ބަރަބޮލަކީ ރާއްޖެ ފަދަ ހޫނު މާހައުލެއް އޮންނަ ތަންތަނުގައިވެސް ފަސޭހައިން ހެދޭ ތަރުކާރީގެ ބާވަތެކެވެ. ޒަމާނުއްސުރެ ރާއްޖޭގައި ބަރަބޯ ފާހަގަކޮށްފައިވަނީ، ގިނަ ދުވަހު ރައްކައު ކުރެވޭ ކެއުމުގައި ގިނަ ގޮތްގޮތަށް ތައްޔާރުކޮށްގެން ބޭނުން ކުރެވޭ ތަރުކާރީއެއްގެ ގޮތުގަ އެވެ.
ބިން ތައްޔާރުކުރުން:
ބަރަބޯ އާއިލާގެ އާއިލާގެ އެކި ވައްތަރުތައް ހެއްދުމުގައި އެއްގޮތްކަމެއް ގެންގުޅެވެއެވެ. ހާއްސަކޮށް ބަޓާނާއަށް އާއި އެއްގޮތަކަށް ހެއްދޭކަން ފާހަގަކުރެވެއެވެ. މި ދެ ބާވަތަށްވެސް ކަމުދަނީ ނިސްބަތުން ދޫ (ވެލި ގިނަ) ފަސް ގަނޑެކެވެ. ގުދުރަތީ ކާނާ ގިނަ މިންވަރަކަށް އެކުލެވޭ، ފެން ނުހިލޭ ބިން ބިމުގައި ވަރަށް ފަސޭހަކަމާއި އެކު ބަރަބޯ ހެދެއެވެ.
ބަރަބޯ އިންދައި އުޅެނީ އާންމުކޮށް ވަޅު ހަދައިގެންނާއި ބެޑު ހަދައިގެންނެވެ. ވަޅު ތައްޔާރު ކުރާނީ ވަޅުގެ އަނގަމަތީ 2 ފޫޓް އަދި ފުންމިނުގައި ކަޅުފަހުގެ ގޮތުގައި 18 އިންޗި ހުނާނޭ ވަރަށެވެ. ދެ ވަޅުގެ ދެމެދުގައި 8 ފޫޓު ނުވަތަ 10 ފޫޓު ވެސް ބެހެއްޓިދާނެ އެވެ.
ދުރުމިން ކަނޑައަޅަނީ ވެޔޮތައް ހެދެމުންދާއިރު، ބޯވެގެން ބަލަހައްޓަން އުނދަގޫނުވާނެ ގޮތަށް ބަލައިގެންނެވެ. ކޮންމެ ވަޅަކަށް 4-6 ކިލޯގެ މަގުން ކާދު އެއްކުރެވިދާނެއެވެ.
ބެޑުގައި ގަސް އިންދާނަމަ، ބެޑުގެ ފުޅާމިނުގައި ބަހައްޓާނީ 18 އިންޗި އެވެ. އަދި 1 ބަރިއަކަށް އިންދާއިރު ދެގަސް ދޭތެރޭގައި 12 އިންޗި ބެހެއްޓުމުން ރަނގަޅު ވާނެއެވެ. ޖާގައިގެ ބޭނުން ފުރުހަމައަށް ހިފުމަށް، ފުރަތަމަ ޖަހާ ބެޑުން ހުޅަނގަށް ވެޔޮ ދުއްވާ ނަމަ، އިރުމައްޗާ ވީ ދިމާއަށް 3 ފޫޓު ދޫކުރުމަށް ފަހު، އިތުރު ބެޑެއް ތައްޔާރުކޮށް އެ ބެޑުގެ ވެޔޮތައް އިރުމަތީ ފަރާތައް ދުއްވި ދާނެއެވެ.
ވެޔޮ ދުއްވާ ޖާގައަށް 8-10 ފޫޓު ދޫކުރުމަށް ފަހު މި އުސޫލުން އިތުރު ބެޑުތައް ތައްޔާރު ކުރަމުން ގެންދާނީއެވެ. ބެޑު ތައްޔާރު ކުރާއިރު، ކާދު އަޅާނީ އަކަ ފޫޓަކަށް 1-0.5 ކިލޯގެ މަގުންނެވެ.
މުޑުވައްކުރުން:
މުޑުވައް ކުރާނީ ތައްޔާރީ މުޑުވައްޕެކެޓް ހޯދައިގެންނެވެ. ރަނގަޅު ކޮލިޓީ ކަށަވަރުކުރެވޭ ފިހާރައަކުން މުޑުވައް ގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ކޮލިޓީ ދެރަ މުޑުވައްތަކުން، ބަލި ފެތުރުމުގެ މައްސަލަތައް ބަރަބޯ އަދި ބަޓާނާގައިވެސް ވަރަށް ގިނަ ކަމަށް ފާހަގަ ކުރެވެއެވެ.
މުޑުވައް ކުރަން ރަނގަޅީ ވާރޭ ނުވެހޭ ދުވަސްވަރެއްގައެވެ. މުޑުވައްކުރާ 2-3 ދުވަހު ވާރޭ ވެހޭ ނަމަ، ފެނާއި އެއްކޮށް އިންދި އޮށްތައް މައްޗަށް އަރާނެއެވެ، އަދި ދޫންޏާއި އެކި ފަނިފަކުސާ މުޑުވައްކުރި އޮށްތައް ހޮވައިގެން ކާނެއެވެ.
މުޑުވައް ކުރާ ތަނަކީ ރަނގަޅަށް އަވި ލިބޭ ތަނަކަށް ވާން ވާނެއެވެ. ޓްރޭގައި މުޑުވައްކުރުމުގެ ބަދަލުގައި، ބަރަބޯ އިންދަން ރަނގަޅީ ސީދާ ބިމުގައެވެ. ގާތްގަނޑަކަށް 1 އިންޗި ފުން މިނުގައި އިންދުމުން ރަނގަޅު ވާނެއެވެ. ވަޅުގައި އިންދާ ނަމަ، ކޮންމެ ވަޅެއްގައި 10 އޮށް އިންދައި 6-8 ވެޔޮ ދުއްވިދާނެ އެވެ.
މައު ޖެއްސުން:
ގުދުރަތީ ނިޒާމެއްގެ ތެރޭގައި ގަސް ހެދެމުންދާއިރު، މައު ޖޯޑުކުރުމުގެ މަސައްކަތް ހިނގަނީ ވެށީގެ ޒަރީއާއިންނެވެ. ދިރުން ހުންނަ ވަސީލަތްތަކާއި، ދިރުން ނެތް ވަސީލަތްތަކުންވެސް މައު ޖޯޑު ކުރުމަށް އެހީވެދެއެވެ. ރާއްޖޭގެ މާހައުލުގައި މޭވާ ހަރުކުރުމުގެ ގޮތުން މައު ޖެއްސުމަކީ ޒަމާނުއްސުރެ ދަނޑުވެރިން ކުރަމުން އަންނަ މަސައްކަތެކެވެ. ސަބަބަކީ ވެށީގައި މައު ޖައްސައިދޭނެ ދިރުންތައް މަދުވެފައި، މައު ޖޯޑުވުން ދަށްވެއްޖެނަމަ، މޭވާ ހަރުވުން ދަށް ވާތީއެވެ.
މައު ޖެއްސުމަށް އެންމެ ރަނގަޅީ ހެނދުނުގެ ވަގުތުގައެވެ، ނުވަތަ ފިރިހެން މައު ފޮޅޭ ވަގުތުގައެވެ. ކޮންމެ ވެލަކުން 3-5 މައު ޖައްސައި، 2-3 މެވާ ހެޔޮ ކުރެވޭތޯ މަސައްކަތް ކުރެވިދާނެއެވެ. ރަނގަޅަށް ވެޔޮ ބަލަހައްޓައި ބަލިތަކުން ސަލާމަތް ކުރެވޭނެމަ، ބޮޑެތިކޮށް ހެދޭ ވެރައިޓީތަކުން، ވެލަކުން 6-4 ކިލޯ ކެނޑޭނެއެވެ.
ބެލެހެއްޓުން:
ހަރުވާން ފަށާ ދުވަސްވަރާ އެކު، އެކި ކާނާ މަދުވުމުގެ އަލާމާތްތައް ގަސްތަކުން ފެނުމަކީ އާންމު ކަމަކެވެ. އަދި ކާނާ ދޭ ނިސްބަތް އިތުރުވާން ފެށުމާއި އެކު، ގަހަށް ގެއްލުންދޭ އެކި ފަނިފަކުސާ އަދީ ސޫފާސޫފީގެ މައްސަލަތައް އިތުރުވެ، ގަހުގެ އުމުރާއި އެކު ބަލިތައްވެސް ފެންނަން ފަށާނެއެވެ.
މިފަދަ މައްސަލަތައް ކުޑަ ކުރުމުގެ ގޮތުން، ގަސްތަކަށް ގަވާއިދުން ކާނީ ދީ ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ބިންމަތީ ވެޔޮ ދުއްވާ ބާވަތްތަކަށް ފެންދިނުމުގައި، މުޅި ވެލަށް ފެން ޖެހުމުގެ ބަދަލުގައި، ގަހުގެ ބުޑަށް ފެން ދިނުމަކީ ރަނގަޅު އާދައެކެވެ. މީގެ ސަބަބުން ބަލިތައް ފެތުރުން ކުޑަ ކުރެވެއެވެ.
ވެޔޮ ހެދެމުންދާއިރު، އަރިމަތީ ހުރިހާ ކުރިއެއް ބޭނުން ވަރަކަށް ހެދެން ދޫކޮށްލުމުގެ ބަދަލުގައި، ކޮށަމުން ހެއްދުމަކީ ރަނގަޅު އާދައެކެވެ. މައިކުރީގެ 5-7 ވަނަ ފަތުން ތިރިން ހުރިހާ ބަނޑުކުރިއެއް ކޮށައި، އޭގެ މަތިން އަންނަ ބަނޑުކުރިތަކުން 2-3 ފަތް ބެހެއްޓުމަށްފަހު ކުރި ބުރިކޮށްލުމަކީ މޭވާ ހެޔޮ ކުރުމަށާއި، އޭގެ ރަހަ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ.
ކެނޑުން:
ބަރަބޯވެލަކީ ވެސް އުމުރު ކުރު ތަރުކާރީގެ ބާވެކެވެ. އެގޮތުން ގިނަ ވެރައިޓީތައް 3 މަސް ދުވަހުގެ ތެރޭގައި ކަނޑާ ނިންމާލެވެ އެވެ. ބަޓާނާ ހަރުވުމުން، ބަރަބޯ އަށަގަންފައި ހުރި ތަނޑީގައި އިންނަ ނަރުވާ އޭގެ ބުޑާ ހަމައަށް ހިކޭނެއެވެ. އެހިސާބުން ބަރަބޯ ކަނޑަން ތައްޔާރުވީ ކަމަށް ބެލެވޭނެއެވެ. ރައްކައު ކުރެވޭ މުއްދަތު އިތުރުކުރަން ބޭނުން ނަމަ، ވެލުގައި އޮވެ، ބަރަބޯގެ ތަނޑިއަށް މުށިކުލަ އަރަންދެން ބެހެއްޓިދާނެ އެވެ.
މިގޮތަށް ބޮޑަށް ހަރުކުރާ ބަރަބޯ، 1-2 މަސް ދުވަސް ވަންދެން ވެސް ރައްކައުކޮށްގެން ގެންގުޅެވެ އެވެ.
މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ