ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ބައެއް ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށާއި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް އިފުތިތާހުކޮށް ދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށްޓަކައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައި ދެއްވުމާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރ. އަތޮޅުގެ 11 ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.