އައިޑީ ކާޑު ހެދުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ނޫސްވެރިންނަށް ދައްކާލަން ނިންމައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކަން ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 1:00 ގައި ކަމަށެވެ.
ޑީއެންއާރްގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ނޫސްވެރިންނަށް ދައްކައިލަން މި ނިންމި އެތަނުގެ ޑޭޓާ ބޭސް ބޭނުންކޮށްގެން، ވެރިކަން ކުރާ ޕީއެންސީ އަށް މެންބަރުން ވެއްދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ވަނީ އިހްސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ޑީއެންއާރްގެ ޑޭޓާ ބޭސް ވަދެ، ހޯމްލޭންޑް މިނިސްޓްރީގައި ޕީއެންސީ އަށް ވަގަށް މީހުން ވައްދަން ފޯމްފުރާ މަންޒަރު ފެންނަ ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.