ސަރުކާރަށް ބަރޯސާވެގެން ފެނަކަ ހިންގުން ރަނގަޅު ނޫން ކަމަށާއި ކުންފުންޏަށް ލިބޭ އާމްދަނީން އެ ކުންފުނި ފައިދާވާ ގޮތަށް ހިންގޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ ސަރުކާރުން ފައިސާ ދީގެން ހިންގާ ކުންފުންޏެއްގެ ގޮތިގ ފެނަކަ ހިންގުމަކީ ދެމަހެއްޓެނިވި ގޮތަކަށް ވެސް ނުވާނެ ކަމަށެވެ. ނަމަވެސް ފެނަކަ މިހާރު ވަރަށް ބޮޑަށް ދަރާފައިއ އޮތުމުން އެ ދަރަނި ދައްކަން ސަރުކާރުގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ނަޖާހު ވިދާޅުވި އެވެ،
ނަމަވެސް އެގޮތަށް އަބަދު ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ ކަމަށް ޤަބޫލްކުރައްވާކަމަށް ވިދާޅުވި އެވެ. އެހެންވެ މިހާރު އަމާޒު ހުރީ ފައިސާވާ ކުންފުންޏަކަށް ފެނަކަ ހަދައި، ފެނަަ ކޮޅަށް ނެގުމަށް ނަޖާހު ވިދާޅުވި އެވެ.
އެގޮތުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް ޚާއްސަ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފިން،" ނަޖާހު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބަލަނީ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން އެކަނި ވެސް ކުންފުނީގެ ޚަރަދު ސާޅީސް ޕަސެންޓް ކުޑަކުރެވޭނެ ކަމަށް."
އޭނަ ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނަށާއި ސްޓްރަކްޗރ ހަރުދަނާ ކުރެވޭ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާ ވެސް ހޯއްދަވާނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ފެނަކައިގެ އަމާޒަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދަރަނިތައް ދައްކައި، ޚިދުމަތްތައް ފުޅާކޮށް، ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފެނަކައިގެ އެމްޑީގެ މަގާމަށް ނަޖާހު އައްޔަންކުރީ މިދިޔަ މަހުގެ 23 ގަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ހަމަ އެ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.