Last Updated: January 21, 15:46
Tuesday, January 21, 2025
ޚަބަރު

ޗައިނާ އިން 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

ޗައިނާއާ އެކު ރާއްޖެއިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ގެ ދަށުން މިހާތަނަށް ޖުމްލަ 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ދެ ގައުމުގެ މެދުގައި މިދިޔަ އަހަރުގެ ކުރީކޮޅު ހެދި އެ އެއްބަސްވުމަށް އަމަލު ކުރަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ކަސްޓަމްސްއިން ބުނީ އެއްބަސްވުމުގެ ދަށުން މި މަހުގެ 1-18 އަށް ޖުމްލަ 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާ ކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި ނުވަ ޝިޕްމެންޓްގެ މުދަލާއި ކަނޑުމަގުން އެތެރެކުރި ތިން ޝިޕްމަންޓް ކަމަށެވެ. ވައިގެ މަގުން އެތެރެކުރި މުދަލުގެ އަގު 882،381ރ. އަށް އަރާ އިރު، ކަނޑުމަގުން އެތެރެކުރި މުދަލުގެ އަގަށް 1.040،875ރ. އަރަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެފްޓީއޭގެ ދަށުން އަހަރަކު އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން 91 ޕަސަންޓް މުދަލުން ޑިއުޓި ނުނަގާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން ގަންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އޮތީ ހަމަޖައްސައިފަ އެވެ.