Last Updated: January 21, 15:46
Tuesday, January 21, 2025
ޚަބަރު

އިންޑިއާ ކަހީނެއްގެ މައްސަލަ ފުލުހުން ބަލަނީ

ފާލުބަލާ އިންޑިއާގެ ކަހީނަކު ރާއްޖޭގައި ހިދުމަތްދޭ މައްސަލައެއް ސަމާލު ކަމަށް އައިސްފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ހިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ އެކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މި ގުރޫޖީހެ ހިދުމަތްތައް ޕްރޮމޯޓު ކުރަމުން ދަނީ އޭނާގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގަ އެވެ. އެ ޕޭޖުގައި އޭނައާ ގުޅޭ ނަންބަރާއެކު އޭނާ ދޭ ހިދުމަތްތައް ވެސް ހިމަނާފައިވެ އެވެ. އޭނަ ދޭ ހިދުމަތްތަކުގެ ތެރޭގައި ސިހުރުގެ ވަބާއިން ސަލާމަތްކޮށް ދިނުމާއި އެކިއެކި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދައި ދިނުމުގެ އިތުރުން ވަރިކައިވެނީގެ މައްސަލަތައް ހައްލުކޮށްދިނުމަށް އިސްތިރި ހަދައިދިނުން ފަދަ ކަންކަން ހިމެނެ އެވެ.

&sp;

ފުލުހުން ބުނީ ދިވެހީންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސް އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ އިޝްތިހާރެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

ދެހާސް ތޭވީހުގައިވެސް އިންޑިއާގެ މިފަދަ މީހަކު ރާއްޖެއަށް އައިސް "ސްޕިރިޗުއަލް ހީލިން" ކްލާސްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އެ ކްލާސްތައް ފެށުމުގެ ކުރިން އޭނަ ހައްޔަރުކޮށް ވަނީ ޑީޕޯޓްކޮށްފަ އެެވެ.