ރ. ވާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމެއް ބަހައްޓަން މިއަދު އެއްބަސްވުމެއްގައި ސޮއިިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރ. އަތޮޅުގެ 11 ރަކަށް ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވާދު އަށް ވަޑައިގެންނެވެ. އެގޮތުން ބީއެމްއެލާއި ވާދޫ ކައުންސިލާ ދެމެދު ވަނީ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސްގެ ވައުދެކެވެ.
ރައީސް މިއަދު ވާދޫ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ރަށުގެ ގިނަ މަޝްރޫޢުތައް މި އަހަރު ނިންމަވާނެކަުގެ ޔަގީން ވެސް ދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ، ވާދޫން ގޯތި ދޫކުރުމުގައި މިވަގުތު އޮތް ދައްޗަކީ އެ ސަރަހައްދުގައި ހުރި ކުނިކޮށި އެހެން ސަރަހައްދަކަށް ބަދަލުކުރުން ކަމަށާއި، ލަސްތަކެއް ނުވެ އެކަންކަން އަވަހަށް ހައްލުކޮށް ގޯތި ދޫކުރެވޭނެ ކަމަށެވެ. އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައި ދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ސްކޫލަށް ބޭނުންވާ އިތުރު ކޮމްޕިއުޓަ ލެބާއި ސްޓާފްރޫމް ހެދުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ވުޒާރާތައް މެދުވެރިކޮށް ކޮށްދޭނަން. ކައުންސިލް އަދި ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަ އެއްބާރުލުން ދޭނަން. ސްކޫލަށް ޖާގަ އިތުރުކުރުންކަމަށް ވިޔަސް ވަސީލަތް އިތުރުކުރުންވެސް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ. "ހަމަ އެހެންމެ ސިއްޙީ ދާއިރާއަށް ވެސް. ހުރިހާ ރަށަކަށް ލެބޯރެޓަރީ އިތުރުކޮށް ޚިދުމަތްދޭ ވަގުތު އިތުރުކޮށް ދިނުން އެއީ އަޅުގަނޑު ވެފައިވާ ވަޢުދެއް. އެކަން ކުރިއަށް ދާނެ."
ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ދަތުރު ކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންކަންކޮށް ދިނުމުގެ ޔަޤީންކަން ދެއްވުމަށް ކަމަށެވެ.