Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ވާދޫ އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުވާން ހިތްވަރު

ރ. ވާދު އަކީ މުޅިން ވެސް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ހަދަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ރ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ ރަށަކަށް ވާދު އަށް ވަޑައިގެން ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރާއި ރައްޔިތުން ގުޅިގެން ވާދޫގެ ރައްޔިތުން ބޭނުންވާ ނަމަ ހަމައެކަނި އިޔާދަކުރަނިވި ހަކަތައިން ހިންްގާ ރަށަކަށް އެ ރަށް ބަދަލު ކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއެބެވި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މި ރަށުގެ ގެތަކާއި ހިދުމަތް ދޭ މަރުކަޒުތަކާއި ހުރިހާ ތަނަކީ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ރަށަކަށް ހެދިދާނެ." ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ އެކަން ކުރަން ގަސްތުކުރާ ވާހަކަ. އެހެންނަމަވެސް ވައުދެއް ނޫން. ރައްޔިތުން ބޭނުންފުޅު ވެލައްވަންޏާ އަޅުގަނޑު ދެކެން ބޭނުންވަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ނިމިގެންދާއިރުގައި މި ރަށް މިއީ މޮޑެލް ރަށަކަށް ހެދުން. މުޅި ރަށް އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ބޭނުން ކުރާ ރަށަކަށް ހެދުން."

ރައީސް ވިދާޅުވީ ވާދޫގެ ރައްޔިތުން އަމިއްލައަށް އިސް ނަގައިގެން އެ ރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ދަށުން މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. އެހެންވެ އެކަމަށް ހިތްވަރު ދެއްވައި މަރުހަބާ ވެސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ވިދާޅުވީ ވާދު އަކީ ހަމައެކަނި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި މުއައްސަސާތަކުގެ އިތުރުން ރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ގައުމީ ފެންވަރެއްގައި ކަނޑައަޅާފައި އޮތް އަމާޒު. އެއީ ދެހާސް އަށާވީސް ވަނަ އަހަރު އަންނަންވާ އިރަށް މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން މަދުވެގެން ތިންބައިކުޅަ އެއްބައި ހިދުމަތް ދޭން،" ރައީސް ވިދާޅުވި އެވެ. "ނޫނިއްޔާ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ވަރަށް 33 ޕަސަންޓް ގާއިމު ކުރަން. އެއީ މުޅި ރާއްޖެ.