Last Updated: April 19, 23:09
Saturday, April 19, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ތޮޅި ހެއްދުން

ތޮޅި އާއިލާގެ ގަސްތަކުގެ ތެރެއިން، ރާއްޖޭގެ ދަނޑުވެރިން އާންމުކޮށް ހައްދައި އުޅެނީ ވެޔޮ ތޮޅި (ޔާޑް ލޯންގް) އާއި ގަސް ތޮޅިއެ ވެ. (ބުޝް ބީންސް) މި އާއިލާއަށް ނިސްބަތްވާ ތަފާތު ވައްތަރުގެ ތޮޅިގެ ތެރެއިން ގަސް ތޮޅީގެ ވައްތަރަކީ 35-50 ސެންޓިމީޓަރުގެ އުސްމިނަށް ހެދޭ ތޮޅިއެކެވެ.

ތޮޅީގައި 25-35 ސެންޓިމީޓަރު ހުންނަ އިރު، އާންމުކޮށް ބާޒާރުން ފެންނަ ތޮޅިއަށް ވުރެ ހިމަވެފައި، ކުލަ ފަނޑުވާނެ އެވެ.

ވެޔޮ ތޮޅި އާންމުކޮށް ހައްދަނީ އަށި އަޅައިގެން ތެދަށެވެ. އެގޮތުން 6 ފޫޓުގެ އުސްމިނަށްވެސް ދައު ޖަހައިގެން އެރުވިދާނެއެވެ. މީގެ ތޮޅި ގަސްތޮޅިއަށްވުރެ ތަންކޮޅެއް ހަރުވެފައި ދިގުވާނެ އެވެ.

ބިން ތައްޔާރުކުރުން:

ތޮޅީގެ ހުރިހާ ވައްތަރަކީވެސް އެކަށީގެންވާ ވަރަށް އަވި ބޭނުންވާ ބާވަތްތަކެއް ކަމަށްވުމުން، ބިން ހިޔާރު ކުރަންވާނީ 4-6 ގަޑި އިރުގެ އަވި ލިބޭ ތަނަކުންނެވެ. އެގޮތުން ގޭގެ ގޯތިތެރެ، ނުވަތަ ދަނޑުމަތީގައި ތޮޅި ހައްދާއިރުވެސް މިކަމަށް ސަމާލުކަން ދޭންވާނެއެވެ.

ގަސްތޮޅި ހެއްދުމަށް ބިންތައްޔާރު ކުރާނީ ބެޑުގައި ދެ ބަރިއަށް އިންދާ ގޮތަށެވެ. އެގޮތުން ދެގަސް ދޭތެރޭގައި 8-10 އިންޗި އަދި ދެ ބަރި ދޭތެރޭގައި 18-20 އިންޗި ބެހެއްޓުމުން ރަނގަޅު ވާނެއެވެ. ބެޑުގެ ފުޅާމިނުގައި ބަހައްޓާނީ 3 ފޫޓެވެ އަދި އެންމެ ދިގުވެގެން 50 ފޫޓު ބެހެއްޓިދާނެ އެވެ.

ބިންތައްޔާރު ކުރާއިރު، ފަސްގަނޑު ޖަހާލުމަށްފަހު ބޮޑެތި ގަލާއި މޫ ނަގަންވާނެއެވެ. އަދި އެއަށްފަހު އަކަފޫޓަކަށް ½ – 1 ކިލޯގެ މަގުން ކާދު އެއްކުރުމަށް ފަހު އުދަލި ތިލައިގެ ފުން މިނަށް (8-10 އިންޗި) އަށް ފަސްގަނޑު ޖަހާލައި ކާދާއި އެއްކޮށްލާށެވެ.

ވެޔޮ ތޮޅި އަށި ހަދައިގެން އަރުވާއިރު އެއްބަރީގެ ބެޑު ތައްޔާރު ކުރުމުން ރަނގަޅު ވާނެއެވެ. އަދި ދެ ބެޑުގެ މެދަށް އަށި ނަގަން 3 ފޫޓު ދޫކުރެވިދާނެ އެވެ.

މުޑުވައްކުރުން:

ގިނަ ބާވަތްތަކުގެ ތޮޅި މުޑުވައްކުރަން ރަނގަޅީ ޕެކެޓުގައި ބަންދުކޮށްފައި ހުންނަ އޮށުންނެވެ. އެހެންނަމަވެސް ގަސްތޮޅީގެ ރަނގަޅު ބައެއް ވެރައިޓީން (މިސާލު: ކޭ. ވައި. ބުޝް) ތޮޅިންވެސް އޮށް ނެގެއެވެ. މިއީ މޭވާއިން އޮށް ނަގައިގެން ހެއްދޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގައި ކަންކުރެވިދާނެ ގޮތެކެވެ.

ތައްޔާރު ކުރި ބެޑުގައި އޮށް އިންދާނީ ގާތްގަނޑަކަށް 1 – 1.5 އިންޗި ފުނުގައެވެ. ދިރޭ ތަކެތީގެ އުނދަގުލުންނާއި، ފެން ޖެހުމުގެ ތެރޭގައި އޮށްތައް މައްޗަށް އެރިޔަ ނުދިނުމަށް، ބެޑުތަކުގެ މަތިން ހިކިހުއި އެޅި ދާނެއެވެ. އިންދާތާ 2-3 ދުވަސް ތެރޭގައި ގަސްފަޅަން ފަށާނެއެވެ.

ބެލެހެއްޓުން:

ތޮޅި ހެއްދުމުގައި އެންމެ އާންމުކޮށް ދިމާވާ މައްސަލައަކީ ކާނާ މަދުވުމުގެ މައްސަލައާއި، ބްލެކް ބީންސް އެފިޑްގެ މައްސަލައެވެ. މިކަންކަން ހައްލުކުރުމަށް ގަވާއިދުން ދަނޑު މޮނިޓަރ ކުރަންވާނެއެވެ. އަދި އެފިޑްސް އަޅާފައި ހުންނަ ފަތްތައް ފެނުމުން އަވަހަށް ގަހުން ވަކިކޮށް ނައްތާލަންވާނެއެވެ. މިގޮތަށް ކޮންޓްރޯލް ނުވާވަރަށް އިތުރުވެއްޖެނަމަ، ހިތި އޮށުތެޔޮ ބޭސް ނުވަތަ މުގުރި މިރުސް ބޭސް ކަހަލަ ބޭހެއް ސްޕްރޭ ކުރެވިދާނެއެވެ.

ކާނާ މަދުވުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ ރާއްޖޭގެ ފަސްގަނޑު އެލްކަލައިން ވުމުން ކާނާ ނެގުން ދަށްވުމުންނެވެ. ތޮޅި ހެއްދުމަށް ބޮޑަށް އެކަށީގެންވަނީ ބިމުގެ ޕީ.އެޗް 6-6.5 އާ ދޭތެރޭގައި ހުރުމުންނެވެ. މިކަން ހައްލުކުރުމަށް ކާނާ ދޭއިރު، އެމޯނިއަމް ސަލްފޭޓް ހިމެނުމަކީ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނޭ ކަމެކެވެ.

ކެނޑުން:

އޮށް އިންދާތާ 2 މަސް ދުވަހުގެ ތެރޭގައި ތޮޅި ކަނޑަން ލިބޭނެއެވެ. ތޮޅި ކަނޑަން ފަށާނީ އޮށްތައް ހަރުވުމުގެ ކުރިންނެވެ. މުޑުވައް އޮށް ނަގަން ގަސްދުކުރާ ގަސްތަކުގައި، ތޮޅި ހިކެންދެން ބަހައްޓާނީ އެވެ. ތޮޅި ހިކުމުން އޮށްތައް ނެގުމަށް ފަހު އަލި ނުވަންނާނޭ އެއްޗެގައި ބަންދުކޮށްފައި ރައްކާ ކުރާނީ އެވެ.

މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ