Last Updated: April 19, 23:09
Saturday, April 19, 2025
ރިޕޯޓް

މަޑުމައިތިރިކަން؛ މަތިވެރި، މާތް ސިފައެއް

ﷲ ތަޢާލާ މޫސާ ޢަލައިހިއްސަލާމާއި ހާރޫނު ޢަލައިހިއްސަލާމަށް ވަޙީކުރެއްވިއެވެ. ((اذْهَبَا إِلَىٰ فِرْ‌عَوْنَ إِنَّهُ طَغَىٰ ﴿٤٣﴾ فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ‌ أَوْ يَخْشَىٰ ﴿٤٤﴾ )) سورة طه މާނަ : ”ފިރުޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ!) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.“

މަޑުމަތިރިކަމާއި އެކު ބަސްބުނުމަކީ، ޚާއްސަކޮށް ދީނުގެ ދަޢުވަތު ދިނުމުގައި، ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ އޭގެ ސަބަބުން، މީސްތަކުން އެމީހެއްގެ ބަސް ފަސޭހައިން ޤަބޫލުކުރާނެ ކަމެކެވެ. އަދި އޭގެ ސަބަބުން، އެބަހާއިމެދު އެ ބަސް ރައްދުވާމީހާ ވިސްނުމަށް ބާރުލި ބިގެން ދާނެ އެވެ. ﷲ ތަޢާލާއަށް އުރެދުމުގައި ޙައްދުފަހަނަ އަޅާފައިވާ ޠާޣޫތު ފިރުޢައުނުގެ ގާތައްގޮސް މަޑުމަތިރި ކަމާއެކު ބަސްބުނުމަށް ﷲ ތަޢާލާގެ ދެ ނަބިއްޔުންނަށް އަންގަވާފައިވާއިރު، އަޅުގަނޑުމެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމާލާތްކުރުމުގައި މި މަތިވެރި ޞިފައިން ޒީނަތްތެރިވުން އަވްލާކަން ބޮޑެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((ހަމަކަށަވަރުން ސުވަރުގޭގައި ކޮޓަރިއެއްވެއެވެ. އެކޮޓަރީގެ ބޭރުން އެތެރެ ފެނެއެވެ. އަދި އެތެރެއިން ބޭރު ފެނެއެވެ.)) އެ ހިނދު އަބޫ މޫސަލް އަޝްޢަރީ ރަޟިޔﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮންބަޔަކަށްވާ ކޮޓަރިއެއް ހެއްޔެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((އެއީ ބަސްބުނުމުގައި މަޑުމައިތިރި ބަހުން ބަސްބުނެ އުޅޭ އަދި މީސްތަކުންނަށް ކާއެތިކޮޅު ދީ އަދި ރޭގަނޑު މީސްތަކުން ނިދާފައިތިބޭ ވަގުތު ﷲ ތަޢާލާއަށްޓަކައި ދަމުނަމާދުކޮށް އުޅޭމީހުންނަށެވެ.))

އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ((ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ނަމާދުގައި ، އެބައެއްގެ ކޮނޑުތައް އެންމެ މަޑުމައިތިކޮށް (ހަމަހިމޭންކަމާއި، ޚުޝޫޢަތްތެރިކޮށް) ހުންނަ މީހުންނެވެ.))

މަޑުމައިތިރި ކަމަކީ ތަޤުވާވެރިންގެ ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތަށް ވާޞިލުކޮށްދޭނެ މަތިވެރި ޞިފައެކެވެ. އެފަދަ މީހަކާއި ރަޙްމަތްތެރިވެ ގުޅުންބޭއްވުމަށް މީސްތަކުން ލޯބިކުރާނެއެވެ.

މަޑުމައިތިރިކަމުގެ މި މަތިވެރި ޞިފައިގެ ސަބަބުން، ނަމާދާއި ޤުރުއާން ކިޔެވުމާއި، އަދި އެހެނިހެން އަޅުކަންތަކުގައިވެސް، ޚުޝޫޢަތްތެރިވުމަށް ބާރު ލިބިގެންދާނެއެވެ. ނަމާދުގެ ޞަފުތައް ސީދާކޮށް ހެދުމުގައި، ތިބާގެ އަޚާއަށްޓަކައި ހިތްމަޑުމޮޅިކޮށް ހަދާނަމަ، ޝައިޠާނާ މާޔޫސްވެ ދުރަށްދާނެއެވެ. އޭގެ ސަބަބުން ޞަފުތައް ސީދާވެ ހިތްތަކުގެ މެދުގައި ލޯބިއުފެދި ޢަދދާވާތްތެރިކަން ނެތިގެންދާނެއެވެ. ބޮޑުންނާއި އާދައިގެ މީހުންނާއި، ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މުއްސަދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ތަފާތުވެސް ނެތިގެން ދާނެތެވެ.

އަދި މި މާތް ޞިފައިގެ ސަބަބުން، ލޯތްބާއި އޯގާތެރިވުމާއި މަޢާފު ކުރުމުގެ މަތިވެރި ޞިފަތައް މީސްތަކުންގެ މެދުގައި ފެތުރިގެންދާނެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތް އެބަޔަކަށް ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((…فَبِمَا رَ‌حْمَةٍ مِّنَ اللَّـهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ‌ لَهُمْ وَشَاوِرْ‌هُمْ فِي الْأَمْرِ‌ …. ﴿١٥٩﴾ )) سورة آل عمران މާނަ : ”އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ! “

މަސްދަރު: ދިސަލަފިއްޔާ