Last Updated: January 24, 11:15
Friday, January 24, 2025
ޚަބަރު

މޫސުމީ ގެއްލުންތައް ބަލަން ރާއްޖެ ވަޑައިގަތުމަށް ޓްރަމްޕަށް ދައުވަތު

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ރާއްޖެ ވަޑައިގެން ބެއްލެވުމަށް، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްކަން ކުރައްވާ ނަޝީދު ނެރުއްވި ބަޔާނެއްގައި ބުނީ އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ލިބޭ ފުރުސަތަށް މަރުހަބާ ކިޔުއްވާ ކަމަށާއި ނަމަވެސް ތިމާވެށީގެ ގޮތުން ޓްރަމްޕްގެ ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅަކީ ޕެރިސް އެގްރިމެންޓުން ވަކިވުން ކަމަށް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރުވަމުންދާ ކަމަށާއި އެގޮތުން ރާއްޖެ ހިމެނޭ ގޮތަށް އޭގެ އަސަރު ކުރާ ހިސާބުތަކަށް ވަޑައިގެން ބެއްލުމަށް ޓްރަމްޕަށް ނަޝީދު ވަނީ ދައުވަތު އަރުވާފަ އެވެ. އަދި އެމެރިކާ އިން ޕެރިސް އެގްރިމެންޓަށް އަލުން އެނބުރި އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވާން ނިންމި ނަމަވެސް، ޖޯ ބައިޑަންގެ ރައީސް ކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕްގެ އެ ނިންމުން ވަނީ ބަދަލުކުރައްވާފަ އެވެ.

އެމެރިކާ އަށް މި އެއްބަސްވުމުން ރަސްމީކޮށް ވަކިވުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މުއްދަތު ބޭނުންވާނެ އެވެ.

ޕެރިސް އެއްބަސްވުމަކީ ޤާނޫނީ ގޮތުން އަމަލު ކުރުން ލާޒިމްކުރާ މުޢާހަދާ އެއް ނޫން ނަމަވެސް، މިއީ ދުނިޔޭގެ ފިނިހޫނު މިން މައްޗަށް ދިއުން ކޮންޓްރޯލު ކުރުމަށް، ޖައްވަށް ބޭރުވާ ދުނިޔެ ހޫނު ކުރާ ގޭސްތައް މަދުކުރުމަށް ދުނިޔޭގެ އެއްބާރުލުން އިތުރުކުރުމަށް މަގުދައްކައިދޭ އެއްބަސްވުމެކެވެ.