Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

ޖާންވީ އާއި ޗަރަންގެ ފިލްމަކީ 'ޕެއްޑީ'

އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކީ ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރް ކުޅޭ ފިލްމުގެ ނަމަކީ "ޕެއްޑީ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް ނައު އިން ބުނީ ފިލްމަށް އެ ނަން ދޭން ނިންމީ ސްޕޯޓްސް ޑްރާމާއެއްގެ ގޮތުގައި ހަދާ ފިލްމުގެ ސްޓޯރީލައިނާ ވަރަށް ގުޅޭތީ ކަމަށެވެ، އަދި "ޕެއްޑީ" އެ ނަމާ މެދު ޗަރަން ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް އެ ނޫހުން ބުންޏެވެ.

މިދިޔަ މާޗް މަހުގެ 20 ގައި ލޯންޗްކޮށް، 22 ގައި ޝޫޓިން ފެށި ފިލްމުގެ ޑައިރެކްޓަރަކީ ބުޗީ ބާބޫ ސާނާ އެވެ. މި ފިލްމު ލޯންޗް ކުރަން ބޭއްވި އިވެންޓެއްގައި ޖާންވީގެ ބައްޕަ ބޯނީ ކަޕޫރާއި ޗަރަންގެ ބައްޕަ އެކްޓަރު ޗިރަންޖީވީ ވެސް ބައިއިވެރިވި އެވެ.

ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ ވެސް އިންޑިއާގެ ދެކުނުގެ އެކްޓަރަކާ އެކު ދެކުނުގެ ފިލްމެކެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި "ދޭވްރާ: ޕާޓް 1" އެވެ. އެ ފިލްމުގެ ބަތަލަކީ 2022 ގެ "އާރްއާރްއާރް" ގައި ޗަރަންއާ އެކީ ވަރުގަދަ ރޯލެއް ކުޅުނު އެންޓީއާރް ޖޫނިއާ އެވެ.

ޗަރަންގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 10 ގައި ރިލީޒްކުރި ތެލެގޫ ޕޮލިޓިކަލް އެކްޝަން ފިލްމު "ގޭމް ޗޭންޖާ" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ޖާންވީ މިހާރު ކުޅެމުން އަންނަ ލޯބީގެ ފިލްމު "ޕަރަމް ސުންދަރީ" ގެ ބަތަލު ސިދާތު މަލްއުތުރާގެ އަންހެނުން، ކިއާރާ އަދުވާނީ އެވެ.

ބެލެވޭ ގޮތުން ޗަރަން އާއި ޖާންވީ "ޕެއްޑީ" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.