މި ދައުރުގެ ތެރޭގައި ރ. އުނގޫފާރުގައި 500 ހައުސިން ޔުނިޓް އަަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ އުނގޫފާރު ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އުނގުފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅާފައިވާ ރަށަކަށްވާތީ އެންމެ މުހިއްމު އެއްކަމަކަށް ވާނީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި އުނގޫފާރުގައި މަޝްރޫއެއް ހިންގަން އިއުލާންކޮށްފައި ނެތަސް މި ދައުރުގެ ތެރޭގައި ރަށުގައި 500 ހައުސިން ޔުނިޓް އަޅައި ދެއްވާނެ ކަމަށެވެ.
"މި ދައުރުގެ ތެރޭގައި މި ރަށުގައި 500 ހައުސިްނ ޔުނިޓްގެ މަޝްރޫއެއް ކުރިޔަށް ގެންގޮސްދޭނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހައުސިން މަޝްރޫއު ހިންގަން ބޭނުންވާ ބިމާއި އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކައުންސިލާއިކަމާއި ބެހޭ މިނިސްޓްރީތަކުން އެކު ނިންމުނުހާ އަވަހަކަށް މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށެވެ.