Last Updated: July 1, 10:18
Tuesday, July 1, 2025
މުނިފޫހިފިލުވުން

ވީޑިއޯކްލަބްގައި ޑާކް ރެއިންގެ ރަސްކަން!

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މީޑިއާނެޓްގެ އެމްއެސް ވީޑިއޯކްލަބްގެ އެންމެ މަގުބޫލު ކޮންޓެންޓްތަކުގެ ތެރޭގައި ޑާކް ރެއިންގެ ފަސް ފިލްމެއް ހިމެނިއްޖެ އެވެ.

ރާއްޖޭގެ މިހާރު އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ވީޑިއޯކްލަބްގައި ހިމެނޭ ޑާކް ރެއިންގެ ފަސް އުފެއްދުމަކީ މިދޔަ އަހަރު ރިލީޒްކުރި ފިލްމު "ފުރޭތަ" އާއި 2023 ގެ "ނޮވެމްބަރު" އާއި އެ އަހަރުގެ "ބީވީމާ" އާއި އެ އަހަރުގެ "ހިނދުކޮޅެއް" ގެ އިތުރުން 2019 ގެ "ގޮށްރާޅު" އެވެ.

މި ފަސް ފިލްމުގެ ހިމެނެނީ މިދިޔަ އަހަރުގެ ޖެނުއަރީ 24 އިން ޑިސެމްބަރު 24 އަށް އެންމެ ގިނަ ބަޔަކު ސްޓްރީމްކުރި 10 ކޮންޓެންޓްގެ ތެރޭގަ އެވެ.

އެގޮތުން "ނޮވެމްބާ" އޮތީ އެއް ވަނައިގަ އެވެ. މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) ލީޑް ރޯލު ކުޅުނު މި އަސަރު ގަދަ ލޯބީގެ ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގު (ލޯކީ) ގެ ޑައިރެކްޝަނެކެވެ.

ތިން ވަނައިގައި އޮތް "ފުރޭތަ" އަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން އެކްޝަން ރިވެންޖް-ތުރިލާއެކެވެ. އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓްކުރި ފިލްމުގެ މައިގަނޑު ތަރިންނަކީ ޝަރަފު އަބްދުﷲ އާއި ރަވީ ފާރޫގެވެ.

ހަ ވަނައިގައި އޮތް "ބީވީމާ" އަކީ އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކުރި ޑްރާމާ ފިލްމެކެވެ. މީގެ ކާސްޓުންނަކީ އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި މަރިޔަމް އަޝްފާ އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން އާދަމް ޒިދާނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމަކީ ލަވަކިޔުންތެރިޔާ އަޝްފާ ކުޅުނު ފުރަތަމަ ފިލްމުކަމެވެ.

ލިސްޓްގެ ހަތް ވަނައިގައި އޮތް "ގޮށްރާޅު" އަކީ އަހުމަދު ޝިނާން ޑައިރެކްޓްކޮށް 2019 ގައި ގެނެސްދިން ކްރައިމް ޑްރާމާއެކެވެ. މީގެ ކާސްޓްގައި ޖުމަލް އަދި އާޝާ ހިމެނެ އެވެ. އަށް ވަަނައިގައި އޮތް "ހިނދުކޮޅެއް" އަކީ ޗިއްޕެ ގެނެސްދިން ލޯބީގެ ފިލްމެކެވެ. މީގެ ކާސްޓުންނަކީ ޝަރަފާއި އާޝާ އާއި ރަވީ އަދި މަޖޫ އެވެ.

މިދިޔަ އަހަރު ވީޑިއޯކުލަބްގެ އެންމެ މަގުބޫލު 10 ކޮންޓެންޓްގައި ހިމެނޭ އެހެން އުފެއްދުންތަކަށް ބަލާ އިރު ދެވަނައިގައި އޮތީ އައި ފިލްމްސް 2023 ގައި ގެނެސްދިން ކްރައިމް ޑްރާމާ "ނީނާ" އެވެ. އިލްޔާސް ވަހީދުގެ އެ ޑައިރެކްޝަންގެ ތަރިންނަކީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޝަރަފެވެ.

ހަތަރު ވަނައިގައި އޮތީ ޔޫސުފް ޝަފީއު (ޔޫއްޕެ) 2023 ގައި ގެނެސްދިން ބިރުވެރި ފިލްމު "ކަޅަކި" އެވެ. އޭގެ ކާސްޓްގައި ވާޝިޔާ މުހައްމަދު، އަލީ ސީޒަން، އައިމިނަތު ރިޝްފާ އަދި މުހައްމަދު މަނިކު ހިމެނެ އެވެ. ފަސް ވަނައިގައި އޮތީ އިއްލެގެ އަލަތު ޑައިރެކްޝަން ކަމަށްވާ 2019 ގެ "ބަވަތި" އެވެ. އޭގެ ތަރިންނަކީ ނުޒޫ އާއި އިފްނާޒް ފިރާގެވެ.

ނުވަ ވަނައިގައި އޮތީ އޯކޭޒް އިންކް އިން މިދިޔަ އަހަރު ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދިން "ރޮބޯ މޭން: ދަ މޫވީ" އެވެ. މިއީ އިބްރާހީމް ވިޝާން (ކަނޑި) ގެ ޑައިރެކްޝަނެކެވެ. ގަދަ 10 ގެ 10 ވަނައިގައި އޮތީ އަހުމަދު ނިމާލު ޑައިރެކްޓްކޮށް 2022 ގައި ގެނެސްދިން "ހެހެސް" އެވެ. އޭގެ ތަރިންގެ ތެރޭގައި ޔޫއްޕެ އަދި މަރިޔަމް ޝިފާ ހިމެނެ އެވެ.

ވީޑިއޯ ކުލަބްގައި އެއް ސްޓޫޑިއޯއެއްގެ އެންމެ ގިނަ ކޮންޓެންޓްތަކާ އެކީ ޑާކް ރެއިން ރަސްކަން ކުރަމުން އަންނަ އިރު، މިހާރު ވެސް އޭގައި އެންމެ ޓްރެޑިން އުފެއްދުމަކީ އެ ސްޓޫޑިއޯގެ އުފެއްދުމެކެވެ. އެއީ ޗިއްޕެ ޑައިރެކްޓްކޮށް، މިދިޔަ މަހުގެ 30 ގައި ޕްރީމިއާކުރި 15 އެޕިސޯޑްގެ ވެބް ސީރީޒް "ރޯލީމޭ" އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯ ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބިބީ" އެވެ.

މީޑިއާނެޓްގެ އެމްއެސް ވީޑިއޯކްލަަބަކީ މިހާރު ދިވެހި ވަރަށް ގިނަ ކޮންޓެންޓްތައް ބަލާލެވެން ހުރި ޕްލެޓްފޯމެކެވެ. މިއަށް ދެން އެންމެ އަވަހަށް އަންނަން އޮތް އޮރިޖިނަލް ސީރީޒަކީ މި މަހުގެ 30 ގައި ގެނެސްދޭ އެއްކާފު ޕްރޮޑަކްޝަންގެ "ހިންތާ" އެވެ.