Last Updated: January 22, 19:21
Wednesday, January 22, 2025
މުނިފޫހިފިލުވުން

ނެޓްފްލިކްސް އިން ފީ ބޮޑު ކުރަނީ

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް ބޭނުންކުރާ މީހުން ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެން ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މި ފަހަރު އެންމެ ފުރަތަމަ އަގު ބޮޑުކުރަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ކެނެޑާ އާއި އާޖެންޓީނާގެ އިތުރުން ޕޯޗްގަލްގައި ކަމަށެވެ. އެގޮތުން އިޝްތިހާރާއި ނުލައި ގެނެސްދޭ އަދި އިޝްތިހާރާ ލައިގެން ގެނެސްދޭ ޕެކޭކްތަކުުން ވެސް އަގު ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.

ނެޓްފްލިކް އިން ބުނީ ފީ އަގު ބޮޑުކުރަން ނިންމީ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވަމުންދާތީ، ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު، އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އަށް އަލަށް 19 މިލިއަން ސަބްސްކްރައިބަރުން އިތުރުވި އެވެ. އެގޮތުން އަހަރުގެ ފަހު ތިން މަހު ލިބުނު އާމްދަނީ 1.8 ބިލިއަން ޑޮލަރަށް އަރަ އެވެ. ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު 306.1 މިލިއަނަށް އަރަ އެވެ.

މިދިޔަ އަހަރު ނެޓްފްލިކްސްގެ އާމްދަނީ އަށް 10.2 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރުގެ އާމްދަނީ އަކީ 8.8 ބިލިއަން ޑޮލަރެވެ.