ރ. އަތޮޅު މަޑުއްވަރީގެ އިހުތިސާސްގައި އެ އަތޮޅު އުފުލަންދޫ އަދި މީދޫގެ އިހުތިސާސްގައި ތާވަތާ ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު މަޑުއްވަރީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މަޑުއްވަރީގައި ބިން ހިއްކެން އޮތް ބޮޑު މިނަކަށް އެކަން ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.
މަޑުއްވަރީގައި މިވަގުތު ހިއްކެން އޮތީ ހައެއްކަ ހެކްޓަރުގެ ބިން ކަމަށާއި މިއީ ގެދޮރުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް އަންނާނެ އަދަދެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ރަށުގެ ޖާގަ އިތުރުކުރުމަށް އޮތް ހައްލަކީ ރަށުގައި އިގްތިސާދީ މަސައްކަތްތަކަށް ހުރި ބިންތައް ރަށުން ބޭރަށް ބަދަލުކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ މި ހުރިހާ މައްސަލައެއް ހައްލުކުރެވޭ ގޮތަށް އުފުލަންދޫ މިރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމަނައިދޭން ނިންމި ވާހަކަ. އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް އެކަން ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ރ. މީދުއަށް ވެސް ބިމުގެ ދަތިކަން ދިމާވާތީ، އިގުތިސާދީ ކަންކަން ކުރަން އެ ރަށުގެ އިހުތިސާސްގައި ތާވަތާ ހިމަނުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. މި ރަށުގެ ބޭނުން ހިފައިގެން މީދުގެ ތަރައްގީ އާއި އިގްތިސާދީ މަސައްކަތްތައް ކުރުމަށް ދުރު ރާސްތާއަށް ހަމަޖެއްސުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.