Last Updated: May 7, 06:17
Wednesday, May 7, 2025
ޚަބަރު

ދެން އަންނާނީ މަޝްރޫއުތައް ނިންމައި އުފާ ފާޅުކުރަން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ދެން ރަށްރަށަށް ވަޑައިގަންނަވާނީ މަޝްރޫއުތައް ނިންމައި އެކަމުގެ އުފާ ފާޅުކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރަސްމާދޫ ރްނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރަސްމާދޫ އަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ކޮށްދެއްވާނެ ކަމަށާއި އެގޮތުން ހާއްސަ އިސްކަމެއް ދީގެން ރަސްމާދޫގައި ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށެވެ.

އަދި ރަށުގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި ހުރި ކަންކަން ހައްލުކޮށްދިނުމަށް ވެސް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ތިން ބުރިއަށް ހަދާ ސްކޫލް އިމާރާތުގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް ނިންމާނެ ކަމަށާއި އަދި ރަސްމާދޫ ހެލްތު ސެންޓަރުގެ ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރަސްމާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ޔޫތް ސެންޓަރުގެ މަސައްކަތް ވެސް އަވަހަށް ކުރިއަށް ގެންގޮސް މިއަހަރުތެރޭ ނިންމައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު ތެރޭގައި ރަސްމާދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް ނިންމާފައިވާކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ.

"އިރާދަކުރެވިއްޔާ ދެން މި ރަށަށް އަޅުގަނޑު އަންނާނީ މިގޮތަށް މިކުރަން ހުރި ގިނަ ކަންތައްތަކެއް ނިންމާލައި، އެ ނިމުން ފާހަގަކުރުމުގެ އުފަލުގައި ބައިވެރިވާން،" ރައީސް ވިދާޅުވި އެވެ.