Last Updated: February 5, 20:23
Wednesday, February 5, 2025
މުނިފޫހިފިލުވުން

ވިކީގެ 'ޗާވާ' ގެ ޓްރެއިލާ ދައްކާލައިފި

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ ތާރީހީ ހަނގުރާމަ ފިލްމު "ޗާވާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެެ.

އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމުގައި ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައި އެކްޓަރު ކުޅެފައި ވަނީ ކުރީގެ މުގާލްގެ ރަސްކަމާ ދެކޮޅަށް ނުކުތް މަރާޓާ ރަސްކަލެއް ކަމަށްވާ ޗަތުރަޕަރީ ސަބާޖީ މަހާރާޖްގެ ރޯލެވެ.

ވަރަށް ގްރޭންޑްކޮށް ހަދާފައިވާ "ޗާވާ" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ އާއި އަކްޝޭ ކަންނާ އާއި ދިވްޔާ ދައްތާ އާއި އަޝުތޯޝް ރާނާ އާއި ވިނީތު ކުމާރު ސިންގް އާއި ޑަޔާނާ ޕެންޓީގެ އިތުރުން ނީލް ބޫޕަލަން ހިމެނެ އެވެ.

"ޗާވާ" ޑައިރެކްޓްކޮށްފައި ވަނީ ކުރިން ލައިޓް-ހާޓެޑް ފިލްމުތަކެއް ކަމަށްވާ "ލުކާ ޗުއްޕީ" އާއި "މިމީ" ގެނެސްދިން ލަކްޝްމަން އުޓޭކަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ވިކީ އާއި ސާރާ އަލީ ޚާނާ އެކީ 2023 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.

"ޗާވާ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އިސްތިރީ 2" އާއި "މުންޖިއާ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝްގެ ވިޖަންގެ މެޑޮކް ފިލްމްސް އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.

ފުރަތަމަ ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ސްކައި ފޯސް" އެވެ. އޭގެ ކާސްޓްގައި އަކްޝޭ ކުމާރާއި ސާރާ އާއި ނިމްރަތުގެ ކޯރްގެ އިތުރުން އާ އެކްޓަރު ވީރް ޕަހަރިއާ ހިމެނެ އެވެ.

ވިކީ ވަރަށް ސީރިއަސް ފިލްމަކާ އެކީ ވަރަށް ރޯލަކުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ބޭޑް ނިއުސް" އެވެ.