Last Updated: May 7, 06:17
Wednesday, May 7, 2025
ޚަބަރު

މުއިއްޒަކީ ދިވެހިންނަށް ލިބޭނެ އެންމެ އޯގާތެރި ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިންނަށް ލިބޭނެ އެންމެ އޯގާތެރި ރައީސް ކަމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އިންނަމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ މީގެކުރިން ވެސް ރައީސަކާއެކު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ވަރުގެ އޯގާތެރި ވެރިއަކު ދިވެހިންނަށް ނުފެންނާނެ ކަމަށެވެ.

"ޔަގީންކަން ދޭން ބޭނުން ވަނީ، ތިބޭފުޅުންނަކަށް އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަރުގެ ރައީސެއް ނުލިބޭނެއޭ. ވަކި މި ރަށު ރައްޔިތުންނެއް ނޫން، މި ދާއިރާ ރައްޔިތުންނެއް ނޫން، ދިވެހިރާއްޖޭގެ ލޮބުވެތި އެއްވެސް ރައްޔިތަކަށް ލިބޭނެ އެންމެ އޯގާތެރި އެންމެ ހިތްހެޔޮ ރައީސުލްޖުމްހޫރިއްޔާ އަކީ އަޅުގަނޑުމެންގެ ރައީސް،" ފަލާހު ވިދާޅވި އެވެ.

ފަލާހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިވެހިންނަށް ފެނިގެންދާނީ ގައުމު ކުރިއަރުވާ، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރާނެ ވެރިއެއް ކަމަށެވެ. އަދި މީގެކުރިން ވެރިން ކުރަން ބޭނުންވި ނަމަވެސް ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ނުކުރެވި ހުރި އެތައް ކަމެއް ރައީސް މުއިއްޒުގެ ވެރިކަމުގެ އެއް އަހަރުތެރޭ ހައްލުކޮށްފައިވާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ތަރައްގީ އަކީ ހަމައެކަނި ރަށެއްގައި ހިންގާ މަޝްރޫއުތަކެއް ނޫން ކަމަށާއި އެއަށް ވުރެ ބޮޑަށް ދިވެހި މުޖުތަމައުގެ ތެރޭގައި ހުރި މަސްތުވާތަކެއްޗާއި އެ ނޫން ވެސް ނުބައި އާދަތައް ހައްލުކުރެވިއްޖެނަމަ ގައުމުގެ މުސްތަގުބަލު އުޖާލާ ވާނެ ކަމަށާއި ރައީސް އެ އަޅުއްވަނީ އެ ފިޔަވަޅުތައް ކަމަށް ފަލާހު ވިދާޅުވި އެވެ.