ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ނަސްރު ލިބުން ފާހަގަކުރަން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އިސްރާ އެސޯސިއޭޝަނުން ބާއްވާ މި އެއްވުން އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގަ އެވެ.
އެ އެސޯސިއޭޝަނުން ބުނީ އިޒްރޭލުން ބޭނުންވި އެއްވެސް ކަމެއް ޙާޞިލް ނުވެ, ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމަކީ މުޅި މުސްލިމު އުއްމަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ގާޒާގެ ރައްޔިތުން ފާހަގަ ކުރަމުންދާ މި ނަޞްރުގައި ބައިވެރިވުމަކީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ އަދި ގާޒާގެ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީ އަކަށް ވެގެން ދާނެ ކަމެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.
މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ މަރުހަލާގައި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ 98 އަސީރުންގެ ތެރެއިން 33 މީހަކު މިނިވަން ކުރާނެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،904 މީހުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ގާޒާއަށް އިންސާނީ އެހީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭންޖެހެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 46،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 109،378 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.