Last Updated: January 24, 22:48
Friday, January 24, 2025
ޚަބަރު

ރައީސް ވެވަޑައިގަންނަވަނީ ހޮޅި ވައުދުތައް: އަހުމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދާ ދަތުރުތަކުގައި ރައްޔިތުންނަށް ވެވަޑައިގަންނަވަނީ ހޮޅި ވައުދުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ރާއްޖެ ޓީވީން ގެނެސްދެމުން އަންނަ "ފުދިއްޖެ-ފުނޑިއްޖެ" ޚާއްސަ ކަވަރޭޖްގައި ރޭ ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުމައްޗަށް ނުކުތުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު ރައީސް މުއިއްޒު ރަށްރަށް ވަޑައިގެން ހޮޅި ވައުދުތައް ވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ މި ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާ އިރު ރައްޔިތުންނަށް ގިނަ ކަންކަމުގައި ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ކަމަށާއި، އެކަން ރައްޔިތުން ގަބޫލުނުކުރުމަށް ވެސް ގޮވާލެއްވި އެވެ.

"ތެދެއް ހެދެން އޮތަސް ކަޅާހުދުން ކަމެއް ފެންނަން އޮތަސް އެކަމަށް ސީދާ ދޮގު ބުނެ ދޮގު ހަދާ ބަޔަކު ދައްކާ ދައްކާ ވާހަކަ ގަބޫލުކޮށްގެން ނުވާނެ މިހާރު. އެ މާޒީ އަށް ހައްދަވާށޭ. އެ ބޭފުޅުން އެ ހެއްދެވި ދޮގުގައި ޖެހިގެން އަޅުގަނޑުމެން މިތިބީ ލަނޑު ލިބިފައޭ،" އަހުމަދު ވިދާޅުވި އެވެ. "އެހެންވީމަ ދެވަނަ ފަހަރަށް މިކަމުގައި ޖެހި ވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން އެމްޑީޕީން މި ފޯރުކޮށް ދެނީ މިޕްލެޓްފޯމަކީ ރައްޔިތުންގެ ފްލެޓްފޯމް."

އޭނަ ވިދާޅިވީ ރައްޔިތުންނަށް ހެޔޮވެރިކޮށް ދިނީ އެމްޑީޕީން ކަމަށާއި އެކަން 2018-2023 އަށް ރައްޔިތުން ތަޖުރިބާ ވެސް ކޮށްފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީރައްޔިތުންގެ މަޖިލީހުން މި އަހަރު ފާސްކުރި ބަޖެޓުގައި ރަށްރަށުގެ ތަރައްގީ ކުރާނެ އެއްވެސް މަސައްކަތެއް ނުވަތަ މަޝްރޫއުގެ ތަފުސީލުތައް ހިމަނާފައިނުވާ ކަމަށާއި، އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ.

އޭނަ ވަނީ ރައްޔިތުން ބޭނުންވާ ދެފުށް ފެންނަ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ގައުމަށް ގެނައުމުގެ މި މަހުގެ 31 ގައި "ފުދިއްޖެ، ފުނޑިެއްޖެ"' ގެ ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.