މުދަލު ޒަކާތުގެ ނިސާބަށް ބަދަލެއް އަތުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 8،800.05ރ. ކަމަށެވެ. މީގެ ކުރިން އެންމެ ފަހުން ޒަކާތުގެ ނިސާބަކަށް ކަނޑައަޅާފައި އޮތީ 9240.35ރ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެންނެވެ.
22 رَجَبُ 1446ހ. (22 ޖަނަވަރީ 2025) ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު:https://t.co/Wm3hnnSFa5 #zakathousemv #maldiveszakathouse
— Maldives Zakat House (@ZakatHouseMv) January 23, 2025
މުދަލުޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.
ރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. އަދި ރިހީގެ އަގު ކަނޑައަޅަނީ، މަރުކަޒީ ބޭންކް (މޯޑިވްސް މަނިޓަރީ އޮތޯރިޓީ) އިންނެވެ.
ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.