ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި މިހާރު 3،000 މެމްބަރުން ހަމަނުވާ ކަމަށް ދައްކައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއްގައި މަދުވެގެން އެ އަދަދަށް މެންބަރުން ތިބެން ޖެހޭނެ އެވެ. ތިންހާސް މެންބަރުން ހަމަނުވާ ނަމަ ނޯޓިސްތަކެއް ދިނުމަށް ފަހު ޕާޓީ އުވައިލުމުގެ ބާރު އިލެކްޝަން ކޮމިޝަން (އީސީ) އަށް ލިބިގެންވެ އެވެ.
ޕީއެންއެފުން މެންބަރުންތަކެއް މަދުވެފައި ވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީން އެހެން ޕާޓީތަކުގެ މެންބަރުންގެ މައުލޫމާތު ވެސް ވަގަށް ނަގައިގެން އެ ޕާޓީ އަށް ވެއްދި މައްސަލަ ބޮޑުވެ، އެކަން ކަމާބެހޭ ފަރާތްތަކުން ބަލަމުން ވެސް ދަނިކޮށެވެ. ޕީއެންއެފްގެ މެންބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ޕީއެންއެފްގެ މެންބަރުންގެ ގޮތުގައި ތިބީ 2،822 މެންބަރުންނެވެ.
އޭޕްރިލް 10، 2024 ގައި ޕީއެންއެފް ރަޖިސްޓްކުރި އިރު އެ ޕާޓީގައި އޭރު ޖުމްލަ 3،060 މެންބަރުން ތިއްބެވެ.
މިހާރު މެންބަރުން އެންމެ ގިނަ ޕާޓީ އަކީ ޕީއެންސީ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 68،968 އަށް އަރަ އެވެެ. ދެވަނަ އަށް މެންބަރުން ގިނައީ އެމްޑީޕީގަ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 43،755 އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ އަކީ ޖުމްހޫރީ އެވެ. މެމަބަރުންގެ އަދަދަކީ މިހާރު 13،826 އެވެ.
އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މެންބަރުންގެ އަދަދު 12،174 އަށް އަރާކަން ފާހަގަކޮށްލެވެ އެވެ.