އެމްޑީޕީގެ މަސައްކަތްތަކަށް މި ސަރުކާރަށް ހުރަހެއް ނޭޅޭނެ ކަމަށާއި ސަރުކާރު ބަލިކުރާނެ ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން "ގާ އުކުމުގެ" މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން، ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން އުޅުމުން އެޗްޑީސީން އެކަމަށް ހުއްދަ ނުދިން ކަމަށެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ޖަލްސާތަކެއް ބާއްވަން އެމްޑީޕީން ރާވާފައިވާއިރު، އެ ޖަލްސާތައް ބާއްވަން ފުރުސަތު ދެވޭނެ ތާރީހަކަށް އެޗްޑީސީގައި އެދުމުން އެކަމަށް ފުރުސަތު ދެވެން ނެތް ކަމަށް އިއްޔެ މެންދުރު އަންގާފައިވާ ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ހުޅުމާލޭގައި ޖަލްސާ ބާއްވާނެ ކަމަށާއި އެޗްޑީސީއަށް އެމްޑީޕީގެ މަސައްކަތަށް ހުރަސް ނޭޅޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ހަމައެކަނި ރައްޔިތުންނަށް އުއްމީދު އޮތް ޕާޓީ ކަމަށާއި މި މަސައްކަތަށް މި ސަރުކާރަށް ހުރަހެއް ނޭޅޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދުގެ ސަރުކާރު ބަލިކޮށްލާނީ ނިކަން ނަލަކޮށް، ނިކަން ފަރިކޮށް. އަޅުގަނޑުމެން މިތިބީ ވިއްދާފައި. ހަމަ ވިއްދި ވިއްދީނުން މި ސަރުކާރު ވައްޓާލާނީ، ހަމަ ވިއްދި ވިއްދީނުން ވައްޓާލާނީ،" ޝާހިދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި މި މަހުގެ 31 ގައި މާލޭގެ މަގުމައްޗަށް އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.
އެމްޑީޕީން އިހުތިޖާޖަށް ނިކުންނަން ނިންމާފައިވާއިރު، މަޖިލީހުން މިދިޔަ އަހަރު ވަނީ ގާނޫނު އަސާސީ އަށް ކުއްލި އިސްލާހުތަކެއް ގެނެސްފަ އެވެ.
އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.