Last Updated: January 24, 11:15
Friday, January 24, 2025
ޚަބަރު

މޯލްޑިވިއަންގެ ޗައިނާ ދަތުރުން 40،000 ޓޫރިސްޓުން ގެނެވޭނެ

މޯލްޑިވިއަންގެ އޭ-330 ގައި ޗައިނާ އިން ރާއްޖެ އަށް ކުރާ ދަތުރުތަކުން އަހަރަކު 40،000 ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި އެވެ.

ޗަައިނާ އިން މާލެ އަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް އިއްޔެ އަލުން ފެށީ އެ އެއާލައިނުގެ ފްލީޓަށް އަލަށް ގެނައި އެއާބަސް މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓުގަ އެވެ. މި ބޯޓުން ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަން ހަމަޖެހިފަ އެވެ. އެއީ ޗެންގްޑޫގެ އިތުރުން ޝެންހާއި، އަދި ބެއިޖިންއަށެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ލީޑިން މާކެޓް ކަމަށާއި މިދިޔަ އަހަރު އެކަނި ވެސް ޗައިނާ މާކެޓުން 270،000 ވަރަކަށް ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މޯލްޑިވިއަންގެ ދަތުރުތަކާއެކު އަހަރެއްގެ މައްޗަށް ޗައިނާއިން 40،000 ޓޫރިސްޓުން ގެނެވޭނެ ކަމަށް އެ އެއާލައިނުން މައުލޫމާތު ދީފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މޯލްޑިވިންއަންގެ ހިދުމަތް ފުޅާކުރަން މި އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ކުރާނެ އެވެ.

ފައިސަލް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ އެއާލައިންތައް އޮތް ހިސާބަށް ރާއްޖޭގެ ގައުމީ އެއާލައިން ގެންދަން ސަރުކާރުން ކުރަމުން އަންނަނީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެންމެން ގުޅިގެން ކުރާ މަސައްކަތުން ފަތުރުވެރިކަން އެހެން ހަރުފަތަށް ގެންދެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަނުން ޗައިނާ އަށް ދަތުރުތައް ފެށުމަކީ ޓޫރިޒަމް ދާއިރާއަށް ވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.