ފުލުހުންނަށް ބޯހިޔާވަހިކަން ދޭން، ހުޅުމާލޭގައި ހިންގަމުން އަންނަ ހައުސިން މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހުޅުމާލޭ ފޭސް އެކެއްގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފެށީ 2012 ގަ އެވެ. ދެ އަހަރު ތެރޭ ނިންމަން ހަވާލުކުރި އެ މަޝްރޫއު އަދިވެސް ނިމިފައެއް ނުވެ އެވެ.
މީގެ ކުރިން ނޫމަޑި އަދި އައިލެންޑް އެކްސްޕާޓާ މި މަޝްރޫއު ނިންމަން ހަވާލުކުރިއިރު، ފަހުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ.
އޮޑިޓް އޮފީހުން މި މަޝްރޫއުއާ ގުޅޭގޮތުން އިއްޔެ އާންމުކުރި ރިޕޯޓުގައި ބުނީ މި މަޝްރޫއު އަކީ މައިގަނޑުު ގޮތެއްގައި ދައުލަތުގެ ބަޖެޓުނު ފައިސާ ހަރަދުކުރަން ޖެހިފައިވާ މަޝްރޫއެއް ނަމަވެސް ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 500 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ބީލަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައިނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެން ފަރާތަކަށް މަސައްކަތް ހަވާލުކުރަންޖެހި، މަޝްރޫއުގެ ހަރަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ނިޔަލަށް މި މަޝްރޫއު އަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، މި މަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. މިކަމުން ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާކަން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކިފަހަރު މަތިން ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތަށް ފައިސާ ދިނުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވަނީ މި މުއާމަލާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދުމަށް ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން މައްސަލަ ތަހުގީގު ކުރަން އޭސީސީ އާއި ތަހުގީގީ އެހެން އިދާރާތަކަށް ހުށަހަޅަން ލަފާދީފަ އެވެ.
އަދި މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވެގެން ދިޔުމާއި، ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ކޮންޓްރެކްޓަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު، މި ކަންތައްތައް ކުރިއަށް ދިޔައިރު ޕޮލްކޯގެ ބޯޑު އޮފް ޑިރެކްޓަރުން އަދި އިސްވެރިން އަމަލީ ފިޔަވަޅު އަޅާފައި ނުވާތީ، އޭރުގެ ޕޮލްކޯގެ ބޯޑާއި އިސްވެރިން މިކަމުގައި ޒިންމާކުރުވުމަށް ވެސް ވަނީ ލަފާދީފަ އެވެ.
މީގެއިތުރުން މި މަޝްރޫއުގެ މަސައްކަތްތަކާ ހަވާލުވެ މަސައްކަތް ނުނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރަން ޖެހުނު ކުންފުނިތަކާއި މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ލަފާދީފަ އެވެ. އަދި ހައުސިން މަޝްރޫއުތައް ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ކަމާގުޅޭ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ.