މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމުތައް ތަރައްގީ ކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު މި ދެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 ވަރަކަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ދެ ސްކޫލަށް ބޭންކުން ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމަތުކުރުމާއި ކުދިން އުނގެނުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދެވުނު ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މި ކްލާސްރޫމްތަކަށް ހަދިޔާކުރެވެނު ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބޭންކުން ބުނެ އެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވާއިރު ބީއެމްއެލުން ވަނީ ޢިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓާ ލެބް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.