މިއަދު ތަންކޮޅެއް ލަހުން ހޭލެވެނު މީހެއް ނަމަ އައްޑޫ ސިޓީގެ ހިތަދޫގެ މަގުތަކުގައި ބޮޑުވި ފެންގަނޑުތައް ނުފެނި ހިނގައިދާނެއެވެ. ސަބަބަކަށް ވީ ބަންދު ދުވަހެއް ކަމުގައި ވި ނަމަވެސް ހެނދުނު 6 ޖެހި އިރު މަސައްކަތަށް ނިކުތް ހީވާގި މުވައްޒަފުން ތަކެއްގެ ސަބަބުންނެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގައި 11 ގެއެއްގެ ފުރާޅު އެއްލާލާފައި ވާއިރު އެގެތަކުގެ މީހުންނަށް ފުލުހުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަނުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ.
މީގެ އިތުރުން ފެންބޮޑުވެފައިވާ ގެތަކުގެ މީހުންނަށް ވެލި ބަސްތާ ތަކާޢި އެހެނިހެން ގޮތް ގޮތުން އެހީތެރިވުމުގައި ފުލުހުން ނާއި އެމްއެންޑީއެފް އިން އިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
ވެއްޓިފައިވާ ގަސްތައް ނެގުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސްގެ މުވައްޒަފުން ހީވާގި ކަމާއި އެކު ހަރަކާތްތެރިވަމުންދާއިރު އާންމު ރައްޔިތުންނަށް އެމީހުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.
ހުކުރު ވަގުތަށް މަސައްކަތް މެދުކަނޑާލުމަށް ފަހު ހުކުރު ނަމާދަށް ފަހު ވެސް ވެއްޓިފައިވާ ގަސްތައް ނެގުމާއި، އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް މުނިސިޕަލް ސާރވިސްގެ މުވައްޒަފުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މުނިސިޕަލް ސާވިސް މުވައްޒަފުން ހީވާގިކަމާއި އެކު ވެއްޓިފައިވާ ރުއް ގަސް ނަގައި ސާފު ކުރަމުންދާއިރު އެ މުވައްޒަފުންނަކީ ހިތަދޫގެ މަލަމަތި ރީތި ކުރުމުގައި ލާމަސީލު މަސައްކަތެއް ކުރަމުން އަންނަ މުވައްޒަފުންތަކެކެވެ.
\