Last Updated: April 19, 18:47
Saturday, April 19, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: މުރަނގަ ހެއްދުން

މުރަނގަ ގަހަކީ އެގަހުގެ ގިނަ ބައިތަކެއް އިންސާނުންގެ ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުން ކުރަމުން ގެންދާ ގަހެކެވެ. ގަހުގެ ފަތްތައް، މޫގަނޑު، މައު އަދި ތޮޅިއަކީ އެކި ގޮތްގޮތަށް ތައްޔާރުކޮއްގެން ކެއުމުގެ ތެރޭގައި ބޭނުން ކުރަމުން ގެންދާ ބައިތަކެކެވެ.

މުރަނގަ ގަހުގެ އެކި ބައިތަކުން ލިއްބައިދޭ ނިއުޓްރިޝަންގެ ތަފާތު ބާވަތްތަކުގެ ސަބަބުން މަލްނިއުޓްރިޝަންގެ މައްސަލަތަކުން ސަލާމަތްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުރަނގަ ގަހުގެ ބައިތައް ކެއިން ބުއިމުގައި ގިނަ އަދަދަކަށް ބޭނުންކޮށް އުޅެއެވެ. މީގެ އިތުރުން ދަނޑުވެރިން ދަނޑުތަކުގެ ވަށައިގެން ވައި ނިވަލެއްގެ ގޮތުގައިވެސް މުރަނގަ ގަސް ހައްދާއުޅެވެއެވެ.

މުޑުވައްކުރުން:

މުރަނގަ ގަސް ދެ ގޮތަކަށް މުޑުވައްކޮށް އުޅެއެވެ. އެންމެ އާންމުކޮށް މުޑުވައްކޮށް އުޅެނީ މުރަނގަ ތޮޅިން އޮށް ނަގައިގެންނެވެ. ބައެއް ފަހަރު މުރަނގަ ގަހުގެ މޫގަނޑުން ފަޅާފައި ހުންނަ ކުދި ނިރު ނަގައިގެންނާއި ގޮފި ރޯކޮށްގެން މުޑުވަކުގެ ގޮތުގައި ބޭނުން ކުރެއެވެ.

މުޑުވައްކުރުމަށް ތޮޅި ހޯދާއިރު ގަހުގައި އިނދެގެން ފުރިހަމަވެ ހިކިފައިވާ ތޮޅިއަކުން އޮށް ނެގުން މުހިންމެވެ. އަދި އޮށް ނަގާ ތޮޅިއަކީ ބަލިޖެހުން ދުރު، ރަނގަޅަށް ހެދިފައިވާ އަދި ގިނައިން ތޮޅިއަޅާ ގަހަކުން ނަގާފައިވާ ތޮޅިއަކަށް ވުމަކީވެސް އެހާމެ މުހިންމުކަމެކެވެ.

އޮށް އިންދުމަށްޓަކައި އަނގަމަތީގައި ގާތްގަނޑަކަށް 8 އިންޗި ހުންނަ ވަރުގެ ކޮތަޅު ނުވަތަ ހަންބުރިއެއްފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ. ކޮތަޅަށް އެޅުމަށް ތައްޔާރުކުރާ ވެލިގަނޑު ތައްޔާރު ކުރުމަށްޓަކައި ރީތި ކަޅުފަސްކޮޅެއް ހޯދުމަށްފަހު ކޮންމެ 3 ވެއްޔަކަށް 1 ކާދުގެ ރޭޝިއޯއިން އެއްކުރުމަށްފަހު ރަނގަޅަށް ފަސްގަނޑު ތެމޭވަރަށް ފެންޖަހާލާށެވެ. ތައްޔާރުކުރި ފަސްކޮޅު ކޮތަޅަށް ނުވަތަ ހަންބުރިއަށް އެޅުމުގެ ކުރިން ފެންހަރުލިޔަ ނުދިނުމަށްޓަކައި ކޮތަޅުގެ ނުވަތަ ހަންބުރީގެ ތިރިން ލޯވަޅު އަޅަންވާނެއެވެ.

ގަސްފަޅައިގެން ގާތްގަނޑަކަށް 1 ފޫޓަށް ހެދެންދެން ކޮތަޅުގައި ބެހެއްޓުމަށްފަހު ސީދާ އިންދަން ބޭނުންވާ ތަނުގައި ވަޅު ތައްޔާރު ކުރުމަށްފަހު ގަސް ރުވާނީއެވެ.

ބިންގަނޑު ތައްޔާރުކުރުން:

މުރަނގަ ގަހަކީ ފަސްގަނޑު މުއްސަނދިނޫން ހިސާބުތަކުގައިވެސް ފަސޭހަ ކަމާއެކު ހެދޭ ގަހެކެވެ. މިގަހުގެ އަނެއް ޚާއްޞަ ސިފައަކީ ގަހަށް ފެން ބޭނުންވާ މިންވަރު މަދުވުމެވެ. ހިމާލަޔާގެ ސަރަހައްދަށް ނިސްބަތްވާ މިގަހަކީ ހަނަފަސް، ހޫނުގަދަ ސަރަޙައްދުތަކުގައިވެސް ރަނގަޅަށް ހެދޭ ގަހެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

ގަސްހައްދަން ބޭނުންވާ ތަނަކީ ރަނގަޅަށް އަވި ލިބޭ ތަނެއްކަން ޔަޤީން ކުރުމަށްފަހު ގަސް ހެދުމަށް އެކަށީގެންވާ ޖާގަ (ފަތްތައް ފެތުރުމަށް ބޭނުންވާ ޖާގައިގާ ގާތްގަނޑަކަށް 8 ފޫޓު 8 ފޫޓު) ލިބޭނަމަ ގަސްއިންދުމަށް 1.5 ފޫޓު އަނގަ މަތީގައި އަދި 1.5 ފޫޓު ފުން މިނުގައި ހުންނަ ވަރުގެ ވަޅުގަނޑެއް ތައްޔާރު ކުރުމަށްފަހު 3 ވެއްޔަށް 1 ކާދުގެ މަގުން ފަސްގަނޑު އެއްކޮއްލާށެވެ. އެއަށްފަހު ވަޅުގަނޑު ތެމެންދެން ފެންޖަހާލުމަށްފަހު ގަހުގެ މޫގަނޑަށް ގެއްލުން ނުލިބޭގޮތަށް ކޮތަޅުން ނެގުމަށްފަހު އެވެލިގަނޑާއެކު ވަޅުގަނޑުގައި ގަސް އިންދާށެވެ.

ޞިއްޙީ ފައިދާތައް:

މުރަނގަ ފަތަކީ ވިޓަމިން A، ވިޓަމިން B، އަދި ވިޓަމިން C ގެ އިތުރުން ހަށިގަނޑަށް ފައިދާ ލިބޭ އެހެނިހެން މިނެރަލްސްތަކުގެ މުއްސަނދިކަން ލިބިފައިވާ ފަތެކެވެ. ސައިންޓިފިކް ރިޕޯޓްތަކުގައި ޝާޢިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުރަނގަފަތުގައި އޮރެންޖުން ލިބޭ މިންވަރަށްވުރެ 7ގުނަ އިތުރަށް ވިޓަމިން C އަދި ގެރީގެ ކިރުން ލިބިދޭ މިންވަރަށްވުރެ 7ގުނަ އިތުރަށް ކެލްސިއަމް ލިއްބައިދޭކަމަށްވެއެވެ.

މުރަނގަފަތަކީ މާބަނޑު އަންހެނުން، ޅަދަރިމައިން އަދި ކުޑަކުދިންގެ ކެއިންބުއިމުގެ ތެރޭގައި ގިނަ އަދަދަކަށް ބޭނުން ކުރުމަށް ޞިއްޙީ ފަރާތްތަކުން ވަރަށް ބޮޑަށް އިރުޝާދު ދެއްވާ ބާވަތެއްވެސްމެއެވެ.

މުރަނގަ ތޮޅީގެ އޮށަކީ ތާޒާކަންމަތީ ރޮލަށް ހުއްޓާ އަދި އެކި ގޮތްގޮތަށް ކައްކައިގެންވެސް ބޭނުންކުރެވޭ ތަރުކާރީގެ ބާވަތެކެވެ. މީގެ އިތުރުން ތެޔޮ އުފެއްދުމަށްވެސް މުރަނގަ އޮށް ބޭނުންކޮށްއުޅެއެވެ. ތެއޮނެގުމަށްފަހު ބާކީ ކުރާ އޮށުގެ ބައިތަކުން ކޭކް ހެދުމަށްފަހު ބުއިމަށް ބޭނުންކުރާ ފެން ސާފުކުރުމަށް ފެންއެއްޗަށް އެޅުމަށް ބޭނުންކޮށް އުޅެއެވެ.

ބަލި އަދި ކޮންޓްރޯލް:

މުރަނގަ ގަހަކީ ރާއްޖޭގެ މާޙައުލުގައި މާގިނަ ބަލިތަކެއްނުޖެހި ވަރަށް ފަސޭހަ ކަމާއެކު ހެއްދޭ ބާވަތެއްކަން ފާހަގަކުރެވެއެވެ.

ބައެއް ރަށްރަށުގައި މުރަނގަ ގަހުގައި މައު އަޅާ ދުވަސްވަރު ކޮންމެވެސް ވަރަކަށް ކޮވެލީގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެއެވެ. ވިޔަފާރީގެ އުޞޫލުން މުރަނގަ ހައްދާ ފަރާތްތަކަށް ކޮވެލީގެ ސަބަބުން އުނދަގޫ ކުރިމަތިވާނަމަ މައު އަޅާ ދުވަސްވަރު ކޮވެއްޔަށް ގަހާއި ކައިރި ނުވެވޭނެހެން ދަލެއްފަދަ އެއްޗެއް އަޅާ ބައްދާލެވިދާނެއެވެ.

މުރަނގަ ގަސް ހައްދަމުންދާއިރު ރާއްޖޭގައި ދިމާވާ އަނެއް މައްސަލަޔަކީ ތޮޅި ތޮރުފައިގެން ގެއްލުންދޭ މަޑި (ޕޮޑް ބޯރާރ)ގެ މައްސަލައެވެ. މިމަޑި ތޮޅިއަށް ގެއްލުންދެނީ މަޑި އުފެދުމުގެ ކުރީ މަރުޙަލާތަކުގައެވެ. އެހެންކަމުން މިމަޑީގެ އަސަރު ފެންނަން ފެށުމާއެކު އަސަރުކޮއްފައިވާ ތޮޅިތައް ގަހުން ވަކިކޮށް މަޑީގެ ފަންޏާއެކު ނައްތާލަންވާނެއެވެ. މީގެ އިތުރުން މަޑި ހިފާ މަދުކުރުމަށްޓަކައި ގަސްކައިރީގައި ލައިޓް ޓްރެޕެއް ބެހެއްޓިދާނެ އެވެ.

ގަހަށް ބޭނުންވާ ނިއުޓްރިޝަންގެ ބާވަތްތައް މަދުވުމުގެ ސަބަބުން ފަތްތަކުގެ ކުލަ ފަނޑުވުން ނުވަތަ ރިނދޫވުމާއި ގަހުން ފަތްފޭބުން އަދި ފަތްތައް ކުދިވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ. މިފަދަ ކަމެއް ދިމާވުމުން ގަހަށް ބައްޔެއް ޖެހުނުކަމަށް ދަނޑުވެރިންނަށް ޤަބޫލުކުރެވޭ ފަހަރު އާދެއެވެ.

މުރަނގަ ގަހަކީ އޭގެ ޒާތުގައި އެހާގިނަ މިންވަރަކަށް ކާނާ ބޭނުންވާ ގަހެއް ނޫނެވެ. އެހެން ނަމަވެސް ގަސްބުޑަށް ކޮންމެ ވެސް ވަރަކަށް ކަޅުފަސްކޮޅެއް ނުވަތަ ކާދާއި އެއްކޮއްފައިވާ ފަސްކޮޅެއް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އަޅާލުން ބުއްދިވެރި އެވެ.

މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ