Last Updated: April 19, 18:47
Saturday, April 19, 2025
ރިޕޯޓް

އެކައުންޓެއްގައި ހުންނަ ފައިސާއިން ޒަކާތް ދިނުން

ބޭންކް އެކައުންޓެއްގައި ހުންނަ ފައިސާއިން ޒަކާތް ދޭން ޖެހޭނެތޯ؟ ދޭން ޖެހޭ ނަމަ ޒަކާތް ދޭން ޖެހޭނީ ކޮން ގޮތަކަށްތޯ؟

ބޭންކް އެކައުންޓެއްގައި ހުންނަ ފައިސާ އިން ވެސް އަހަރެއް ހަމަވެ، ނިޞާބް ހަމަވެއްޖެ ނަމަ ޒަކާތް ދޭން ޖެހޭނެ އެވެ. ނިޞާބް ހަމަވާކަމަށް ބަލާނީ ތިމާ އަދާ ކުރަން ޖެހޭ ދަރަންޏެއްވާ ނަމަ އެ ދަރަނި ކެނޑުމަށް ފަހު ބާކީ ހުރި ފައިސާއިން ނިޞާބް ހަމަވާ ކަމުގައި ވާނަމަ އެވެ.

ހިޖްރީ އަހަރުން ބަލައިގެން އަހަރު ހަމަވެއްޖެ ނަމަ، ޒަކާތުގެ ގޮތުގައި ނެރޭނީ ނިޞާބްހަމަވި ފައިސާގެ 2.5 ޕަސެންޓެވެ. މީލާދީ އަހަރުން ބަލައިގެން އަހަރު ހަމަވެއްޖެ ނަމަ، ޒަކާތުގެ ގޮތުގައި ނެރޭނީ ނިޞާބްހަމަވި ފައިސާގެ 2.575 ޕަސެންޓެވެ. ބެންކް އެކައުންޓް ހުޅުވާފައިވަނީ އިސްލާމިކް (އިންޓަރެސްޓްގެ މުޢާމަލާތް ނުހިމެނެ) ބޭންކެއްގައި ކަމުގައި ވާނަމަ ނިޞާބް ހަމަވޭތޯ ބަލާނީ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ވެސް ހިމަނައިގެންނެވެ.

އެއާ ޚިލާފަށް ބެންކް އެކައުންޓް ހުޅުވާފައިވަނީ ރިބާގެ (އިންޓަރެސްޓް) މުޢާމަލާތް ހިމެނޭ ބެންކެއްގައި ކަމުގައި ވަނީ ނަމަ ނިޞާބް ހަމަވޭތޯ ބަލާނީ އިންޓަރެސްޓްގެ ގޮތުގައި އެކައުންޓަށް ލިބިފައިވާ ފައިސާ ނުހިމަނައި ދެން ހުރި ފައިސާއިންނެވެ.

ސަބަބަކީ ޙަރާމް ފައިސާއަކުން ޒަކާތް ނުދެވޭނެތީ އެވެ. އެހެން ނަމަވެސް އިންޓަރެސްޓަށް މިގޮތަށް ލިބޭ ޙަރާމް ފައިސާ ތިމާގެ އަމިއްލަ ބޭނުމަށް ފަހަރެއްގައި ވެސް ބޭނުން ކޮށްގެން ނުވާނެ އެވެ. ހަމައެއާއެކު އެފައިސާ ބެންކަށް ވެސް ދޫކޮށްލައިގެން ނުވާނެ އެވެ.

އޭގެ ބަދަލުގައި އެފައިސާ ނެގުމަށް ފަހު އެންމެންނަށް މަންފާ ލިބޭ ކަހަލަ (މަގު ހެދުން ފަދަ ޢާއްމު މަޞްލަޙަތު ހިމެނޭ) ފަންޑަކަށް ހަދިޔާ ކުރާނީ އެވެ. އެހެން ނަމަވެސް މިސްކިތްބިނާކުރުން ނުވަތަ ޤުރުއާން ޗާޕްކުރުން ފަދަ ދީނީ ކަންކަން ހިމެނޭ ފަދަ ފަންޑަކަށް މިފަދަ ފައިސާ ހަދިޔާކޮށްގެން ނުވާނެ އެވެ.

މިގޮތަށް މިފައިސާ ހޭދަކުރުމަކީ ޞަދަޤާތެއް ކަމުގައި ނުވާނެ އެވެ. އެހެން ނަމަވެސް މިގޮތަކީ، ޙަރާމް ފައިސާތަކެއް ޙަލާލްގޮތުގައި ބަޔަކަށް ބޭނުން ކުރެވުމަށްޓަކައި ހެދުން ހުއްދަ ގޮތެއް ކަމުގައި ޢިލްމްވެރިން ވިދާޅުވެ އެވެ. والله أعلم

މައުލޫމާތު: އަލްއުސްތާޒް އަހުމަދު ނިޒާމް