ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ވިއްކައިލުމާ ގުޅޭ މަޝްވަރާތަކެއް މިހާރު ކުރިއަށްދާ އެ އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސްގެ އެމެރިކާގެ ބޯޑް މެންބަރެއް ކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ ސީއީއޯ ބިލް ފޯޑް ވިދާޅުވެއްޖެ އެވެ.
ސްވިޓްޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ އިވެންޓެއްގައި އޭނަ ބުދަ ދުވަހު ވިދާޅުވީ އެ މަޝްވަރާތަކުގައި ބައިޓްޑާންސް ބޯޑާ އެކީ ޗައިނާ އާއި އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެއް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ފޯޑް ވިދާޅުވި ގޮތުގައި މިކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ވެސް މަސްލަހަތަށް ރިއާޔަތްކުރުމަށް ފަހު އެވެ.
"އެހެންވެ ވަރަށް އަވަހަށް ޓިކްޓޮކްގެ މި މުއާމަލާތާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުންމީދު ބޮޑު." ފޯޑް ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ބޭނުން ވަނީ އެމެރިކާގައި ޓިކްޓޮކްގައި ހިންގޭނެ ދާއިމީ ކަށަވަރު ހައްލެއް ކަމަށެވެ.
ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ވިއްކައިލުމުގެ މަޝްވަރާތަކެއް ބައިޓްޑާންސުން ސީރިއަސްކޮށް މި ފެށި އެމެރިކާގައި ޓިކްޓޮކް މަނާކުރަން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރައީސް ޖޯ ބައިޑެން ތަސްދީގު ކުރެއްވި ގާނޫނަށް މި މަހުގެ 19 އިން ފެށިގެން އަމަލު ކުރަން ޖެހޭތީ އެ ދުވަހު ޓިކްޓޮކް އެމެރިކާގައި ހުއްޓުމަކަށް ވެސް ގެނައުމަށް ފަހު، އޭގެ 12 ގަޑިއިރު ފަހުން އަލުން ޓިކްޓޮކް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ފަހު އެވެ.
އެގޮތަށް ނިންމީ މި މަހުގެ 20 ގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ފަހިކޮށް ދެއްވި ފުރުސަތަކާ އެކީގަ އެވެ. އަދި ވެރިކަމުހެ ހުވާ ކުރެއްވުމަށް ފަހު، ޓްރަމްޕް ވަނީ ޓިކްޓޮކް އެމެރިކާގައި މަނާކުރުން ތަންފީޒު ކުރުން 75 ދުވަސް މަޑުޖައްސާ؛ލައިފަ އެވެ.
އެހެންވެ ދެން ޓިކްޓޮކަށް އޮތް ގޮތަކީ އެމެރިކާގައި އެ ހިންގަން އެ ގައުމުގެ ބަޔަކަށް އެ މުއްދަތުގެ ތެރޭގައި އޮޕަރޭޝަންސް ވިއްކައިލުމެވެ.
މިއީ ޓިކްޓޮކަށް މިފަދަ މުއާމަލާތަކަށް ދާން މަޖުބޫރުވި ދެވަނަ ފަހަރެވެ. ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ފަހުކޮޅު 2020 ގައި ވެސް ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާނުލައިފި ނަމަ އެ ގައުމުގައި އޭގެ އޮޕަރޭޝަންސް ހުއްޓުވާނެކަމުގެ އިންޒާރު ދީފައިވެ އެވެ.
އެކަމާ ގުޅިގެން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޮރޭކަލް ކޯޕަރޭޝަނާ އެކު އެއްބަސްވުމަކަށް ދާން ނިންމި އެވެ. ނަމަވެސް ފަހުން އެ މުއާލާތް ހުއްޓުމަކަށް އައީ 2021 ގައި ބައިޑެން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެންނެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ސަރުކާރުން ވާގި ދޭ، އަދި ސަރުކާރަށް ޖާސޫސްކޮށް ދޭ އެޕެކެވެ. އެހެންވެ އެ އެޕް ބޭނުންކުރާ އެމެރިކާގެ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރެ އެވެ. އެ ތުހުމަތު އަޅުވައި އެމެރިކާ އިން ޓިކްޓޮކް ސިފަކުރަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ.
އެކަމަކު އެފަދަ ތުހުމަތުތައް އަބަދު ވެސް ޓިކްޓޮކުން އަންނަނީ ދޮގު ކުރަމުންނެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ.