Last Updated: February 5, 16:35
Wednesday, February 5, 2025
ޚަބަރު

ރޯދަ މަހު ކަރަންޓް އޮންނާނީ އާ ޖަނެރޭޓަރުތަކެއް ގެނެވުމުން

ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ސިޓީގައި ކަރަންޓު އޮންނާނީ އާ ޖަނެރޭޓަރުތަކެއް ގެނެވިގެން ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތާއި ގުޅޭގޮތުން ކްލަބް ހައުސްގައި އޮތް ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ކުރީ ސަރުކާރުން އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން މަސައްކަތްތަކެއް ފަށައި ނިމުމަކާ ހަމައަށް ގޮސްފައިވީ ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ ކަމަށެވެ.

އައްޑޫގެ ކަރަންޓު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި އާ ޖަނެރޭޓަރުތަކެއް ނުގެނެސްފިނަމަ ރޯދަ މަހު އައްޑޫގައި ކަރަންޓު ނޯންނާނެ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

"މި އަންނަ ރޯދަ މަހަށް އާ ޖަނެރޭޓަރުތަކެއް ނުގެނެވިއްޖެނަމަ، އައްޑޫގައި ކަރަންޓެއް ނޯންނާނެ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ބަލިކަށި ހާލަތެއްގައި ކަމަށާއި އަދި ފެނާއި ނަރުދަމާގެ މައްސަލަ ވެސް އޮތީ ވަރަށް ހާލުގައި ކަމަށް މޭޔަރު ވިދާޅުވި އެވެ. އައްޑޫގެ ކަންކަން މިވަގުތު އޮތީ ދަތި ހާލަތެއްގައި ކަމަށާއި އައްޑޫގެ ކަންކަން ހައްލުވާނީ މިދިޔަ ސަރުކާރުން އެކަން ކުރި ގޮތަށް ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ކަރަންޓްގެ ހިދުމަތް ބޭނުންކުރާ ފަސް ޖަނެރޭޓަރެއް ހުއްޓުމަކަށް އައިސް، އައްޑޫގެ އެކި އަވަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ދާދިފަހުން ވަނީ ކުރިމަތިވެފަ އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.