ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަގު ފޯމް ފުރި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު އޮފީސްތަކުގައި ޕާޓީ ޖަގަހަ ހިންގައި، ރައްޔިތުންގެ ސިއްރު މައުލުމާތަށް ޚިޔާނާތްތެރިވެ، އިލެކްޝަން ކޮމިޝަން (އިސީ) އަށް އެތައް ހާސް ވަގު ފޯމެއް ހުށަހެޅި އިރު ރައީސުލް ޖުމްހޫރިއްޔާ އަދި ޕީއެންސީހެ ރައީސް މިކަންކަމާ ބެހޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
އަމްރު އެގޮތަށް ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީ އަށް ގިނަ ބަޔަކު ވެއްދި މައްސަލަ ފެންމަތިވެ، އެކަން މިހާރު ފުލުހުންނާއީ އީސީން ބަލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޕީއެންސީ އަށް ވަގަށް މީހުން ވައްދާފައި ވަނީ އެ ޕާޓީ އަށް 100،000 މެންބަރުން ހަމަކުރަން ކުރިިއަށް ގެންދިޔަ މެމްބަޝިޕް ޑްރައިވްގެ ތެރޭގަ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޕީއެންސީއަށާއި ސަރުކާރަށް ވަނީ އަމާޒުފަ އެވެ.
އެގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ޑީއެންއާރްގެ ޑޭޓާ ބޭސް ނަހަމަ ގޮތުގައި ޕީއެންސީން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އިތުރުބާރު ނެތްކަމުގެ މައްސަލައެއް ވެސް އިދިކޮޅު އެމްޑީޕީން އޮތީ ރައްޔިތުންގެ މަޖިލީހަށް ވައްދައިފަ އެވެ.