Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ރޯދައާ ދިމާކޮށް ހުޅުމާލޭގައި ހާއްސަ ބާޒާރެއް

"ރަންވެލާ ރަމަޟާން ބާޒާރު" ގެ ނަމުގައި ހުޅުމާލޭގައި ރޯދަ މަހަށް ހާއްސަ ބާޒާރެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި ބާޒާރު ކުރިއަށް ގެންދަން ހަމަޖެހިފައި މި މަހުގެ 29 އިން އަންނަ މަހުގެ 7 އަށް ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގަ އެވެ. ބާޒާރުގައި ގޭގައި އާންމުކޮށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނާއި، ބަދިގެ ސާމާނާއި އަދި އިލެކްޓްރޯނިކް ގިނަ ތަކެތި ވެސް ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ.

"ރަންވެލާ ރަމަޟާން ބާޒާރު" ގެ ސްޓޯލްތައް ބުކްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި އޮތް އިރު، މި ބާޒާރުގައި ތަފާތު ގިންތީގެ ސްޓޯލްތައް ހުންނާނެވެ. އެގޮތުން ސްޓެންޑާޑް ސްޓޯލްތަކާއި ޕްރީމިއަމް ސްޓޯލްތަކުގެ އިތުރުން ކާބޯތަކެތީގެ ސްޓޯލްތައް ވެސް ހިމެނެއެވެ. ވަކިން ހާއްސަކޮށް އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސްޓޯލްތަކެއް ވެސް ހުންނާނެ އެވެ.

"ރަންވެލާ ރަމަޟާން" ބާޒާރާއި ގުޅޭ އިތުރު މައުލޫމާތާއި ސްޓޯލްތައް ބުކް ކުރަން ގުޅަން ޖެހެނީ 7857123 އަށެވެ.

މި މަހުގެ 4-11 އަށް ހުޅުމާލޭގެ ރުއްގަނޑު ދޭއްގައި "އުނގުޅޭ ބާޒާރު" ވެސް ބާއްވާފައިވެ އެވެ.