އައްޑޫ ހިތަދޫގައި އާ މަގެއް ހަދަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ 30 ފޫޓް ފުޅާ އެ މަގު ހަދަން ނިންމާފައި ވަނީ ހިތަދޫ މައި ލޯދަނޑުގެ ދެކުނުން އޮންނަ ނޫކޮކާ މަގާއި އައިމަލި ހިނގުން ގުޅުނު ހިސާބުން ފެށިގެން ހަވީރީ ހިނގުމަށް ނިކުމެވޭ ގޮތަށެވެ.
އެހެންވެ އެ މަގު ހަދަން ނިންމި ސަރަހައްދުގައި ކެޔޮގަސްތަކާއި އަލަގަސް ހެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން 10 ދުވަހުގެ ތެރޭގައި ގަސްތައް ނެގުމަށް އަންގާފައިވެ އެވެ. އެ 10 ދުވަސް ދީފައި ވަނީ އިއްޔެއިން ފެށިގެންނެވެ.
ކައުންސިލުން ބުނީ މުއްދަތަށްފަހު މަގު ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާތީ، މުހުލަތުގެ ތެރޭގައި ނުނަގައި ހުރި ކެޔޮގަހާއި އަލަގަސްތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށެވެ.
ހިތަދޫގައި އާ މަގެއް ހަދަން ކައުންސިލުން ފާސްކޮށްފައި ވަނީ ނޮވެމްބަރު 1. 2023 ގައި ބޭއްވި 120 ވަނަ ޖަލްސާގަ އެވެ. އެކަން ކައުންސިލަށް ހުށަހެޅުއްވީ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ ކޮރޮވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒެވެ.