ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހަމައެއާއި އެކު މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކޮށް ހޯއްދަވާނެ ކަމަށެވެ.
އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް "ސީދާ އަޅުގަނޑު ބަލަމުންގެންދާކަމުގެ ޔަޤީންކަން" ދެއްވާ ކަމަށެވެ.
މި ބަޔާނުގައި ރައީސް ވަނީ މި ދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވާތީ މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް އިލްތިމާސްކޮށްފައިއެވެ. ހަމައެއާއި އެކު ރައީސް ވަނީ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާފައިއެވެ.
ރައީސް މިފަދަ ގޮތަކަށް ބަޔާން ނެރުއްވާފައިވާ އިރު ރެ ފަތިހުން ފެށިގެން އައްޑޫގެ ގިނަ ރައްޔިތުންތަކެއް ބޯހިޔާވަހިކަމުން މަހްރޫމްވެ، ވާރޭގައި މަގުމަތިވި ވަގުތު، އައްޑޫގައި ދާދި ފަހުން ހުޅުވި ހައުސިން މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ލިބިފައި ނުވެއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު އަލީ މިއަދު ހެނދުނު 10 ޖެހި އިރު އައްޑޫއިން ފުރައިގެން ގޮސްފައިވަނީ ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލުވެސް ބައްލަވާލުމެއް ނެތިކަމަށް މައުލޫމާތު ލިބިފައިވެއެވެ.