ކުރިއަށް އޮރް ރޯދ މަހަކީ ވެސް ވީހާ ވެސް ބޮޑަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދަ އާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސްތަކަކަށް ހެދޭތޯ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެގޮތުން ރޯދަ މަހުގެ ކަންކަން ރޭވުމުގައި އަޅުކަމަށް އިސްކަން ދެވޭ ގޮތަށް ކަންކަން ރޭވުމަށް އިލްތިމާސްކޮށް، މައިގަނޑު ހަ ކަމަކަށް ސަމާލުކަން ދޭން ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.
އޭގެ ތެރޭގައ ހިމެނޭ ކަންކަމަކީ:
1. ތިނަދޫގައި ހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެ ނޫން ވެސް އެހެނިހެން މުއައްސަސާތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހާ ކުރިމަތިލާ އިރު ރަމަޟާން މަހުގެ މަޤްޞަދު ޙާޞިލްކޮށް ދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުން.
2. ދުވާލު ރޯދަ އަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ޙަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާ ބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް، ޚާއްޞަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގެ ވަގުތުތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން، އަދި އެއްވެސް މީހަކަށް ދަތި ނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން.
3. ދުވާލުގެ ވަގު ތުވެސް، އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން.
4. ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި ޢިމާރާތްތައް ނޫން ތަންތާގައި ވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރާކާތްތައް ޢާންމުކޮށް ހުޅުވާލައިގެން ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް ނުބޭއްވުން.
5. ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ޙަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުބޭއްވުން. އަދި ރަމަޟާން މަހާއި ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އާންމު ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން، ވަގުތު ދިގުލައި ނުދާނެހެން، ފަރުވާތެރިކަމާ އެކު އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރުން.
6. އޮފީސްތަކުން ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރިކަމުގައި ވިޔަސް، އެފަދަ ކަންކަމުގައި ވެސް ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީވާން ޖެހޭ ރަށުގައި ހުރި ދައުލަތުގެ އެންމެ އިސް މުއައްސަސާއަކީ ކައުންސިލް އިދާރާކަމަށްވާތީ އެ އިދާރާއަށް އެ ކަންކަމުގެ މަޢުލޫމާތު ވީވަރަކުން ދުރާލައި ޙިއްޞާ ކުރުން.
ތިނަދޫ ކައުންސިލުން ފާހަގަކުރި ކަންކަން ވިސްނުން ބެހެއްޓުމަށާއި، ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް، ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށް ދިނުމަށްޓަކައި ރަށުގައި ޤާއިމުކުރެވިފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި ޢާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
ކައުންސިލުން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން އަމަލުކުރާ އުސޫލުތަކަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤަޞްތުގައި އުޞޫލުތަކާ ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. އަދި އުސޫލުތަކާ ޚިލާފަށް ޢަމަލުތައްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި ފިޔަވަޅު ވެސް އަޅާނެ ކަމަށް ބުންޏެވެ.
"ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ރަމަޟާން މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ފެނިފައިވާ ރިވެތި މިސާލު ފާހަގަކޮށް ސިޓީގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ރައްޔިތުންނަށް މިފުރުޞަތުގައި ފަށްފަށުން ޝުކުރު ދަންނަވަން." ކައުންސިލުން ބުންޏެވެ.