Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އިންޑިއާއާ އެކު އޮތީ ބަދަހި ގުޅުމެއް: ރައީސް

ރާއްޖެ އާއި އިންޑިއާއާ ދެމެދު ޒަމާންވީ ބަދަހި ގުޅުމެއް ކަމަށާއި އެ ގުޅުން އެ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދި އާއި ރައީސް ދުރޯޕަޅީ މުރްމުރް އަށް ސޯޝަލް މީޑިއާގައި ފޮނުއްވި ތަހުނިޔާގެ މެސެޖްގަ އެވެ.

އެ މެސެޖްގައި ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އިތުބާރާއި އިހުތިރާމާއި އެހީތެރިވުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށެވެ. އެކަން ދިވެހިންނާއި ދިވެހި ގައުމު އަބަދު ވެސް ދަންނާނެ ކަމަށެވެ.

"އަދި މި ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުގެ މަސްލަހަތާ އެއްގޮތަށް މަސައްކަތް ކުރުމުގައި ސާބިތުވެ ހުންނާނަން." ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރައީސް އިންޑިއާ އަށް ރަސްމީ ދަތުރެއް ވެސް ކުރައްވާފައިވެ އެވެ.