ގްރީން ހައުސް ގޭސް ނުވަތަ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ، ދުނިޔެ ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމު ކަމެއް ކަމަށެވެ.
އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަ ޕަވަ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރައީސް ވިދާޅުވީ ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވައިފަ އެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާ ކަމަށް ވިދާޅުވި އެވެ.
ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ރަށްތައް ޙިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކޮށް، އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެކަމާއި، ޤައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.