މި ރާއްޖޭގެ ރަށެއްގެ، ސިޓީއެއްގެ، ކުރިއެރުމާ ތަރައްޤީ ބަރޯސާވެފަ އޮންނަނީ އޭރަކު އޮންނަ ކައުންސިލަކަށް ނުވަތަ ހުންނަ މޭޔަރެއް ނުވަތަ ދާއިރާގެ އެމްޕީން ގެ ހުންނަ ޤާބިލް ކަމެއްގެ މައްޗަކަށް ނޫންެވެ. އެކަން ބިނާވެފަ އޮންނަނީ އޭރަކު އޮންނަ ސަރުކާރަކުން އެކަށައަޅާ ސިޔާސަތު ތަކެއްގެ މައްޗަށެވެ
އައްޑޫ ގަމުން އިނގިރޭސިން ފައިބައިގެން ދިޔައިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ސުމުއްވުލް އަމީރު އިބްރާހިމް ނާސިރެވެ. އޭގެ ތިން އަހަރު ފަހުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ޤައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގަތީ އެވެ.
ގަމުން 1976 އިނގިރޭސިން ފޭބިއިރު ގަމަކީ، ރާއްޖޭގެ އެއްވެސް ދިމާލެއްގައި އެ ދުވަސްވަރު ނެތް މާސިންގާ އިންފްރަސްޓްރަކްޗަ "ބިލިއަން ޑޮލަރުގެ" ޑިވެލޮޕް ކޮށްފައި އޮތް ތަނެކެވެ.
ޒަމާނީ ވަސީލަތްތަކާއެކު ޑިވެލޮޕްކޮށްފައި އޮތް މެޑިކަލް ފެސިލިޓީއަކާއި މުޅި އަތޮޅަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދެ ވޭވަރުގެ ކެޕޭސިޓީހުރި ޕަވަ ހައުސްއަކާ،އި ފިއުލް ސްޓޯރޭޖް ފެސިލިޓީ އާއި، އޭރު ވެސް އޮޕަރޭޓް ކުރަމުން އައި އަދި ވަގުތުން އޮޕަރޭޓް ކުރެވޭ ގޮތަށް އޮތް އިނަޓަރނޭޝަލް އެއާޕޯޓަކާއި ބޮޑެތި ކާގޯ ޝިޕްތައް އެލޯންގްސައިޑްކޮށް ބަރުމުދާ ލޯޑިން/އަންލޯޑިން އަށް ބޭނުންވާނެ ހުރިހާ ފެސިލިޓީ އަކާއި މިހެންގޮސް ލިސްޓްކޮށް ނުނިމޭނެ އަގުހުރި އެތައް މުދަލަކާ ވަސީލަތަކާއެކު އައްޑޫ ގަން އޭރުގެ ސަރުކާރާ އިނގިރޭސިން ހަވާލު ކުރީ އެވެ.
އެއީ އެތައް ގޮތަކުން އައްޑު އަތޮޅުގެ ރައްރިތުންނަށާ އަދި މުޅި ރާއްޖެއަށް ވެސް މަންފާ ކުރާނެ ކިތަންމެ ކަމެއް އެތަން ބޭނުންކޮށްގެން ކުރިއަށް ގެންދެވޭ ގޮތަށް އޮތް އަގުބޮޑު ފެސިލިޓީއެކެވެ. އެހެން ނަމަވެސް ކަންވީ ގޮތް މިހާރުގެ ވިހިތިރީސް އަހަރުގެ ޒުވާނުންނަށް ނޭގުނަސް އެ މަންޒަރު ލޮލުންދުށް އައްޑޫގެ ގިނަ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ކަން ނިމިގެން ދިޔައީ އޭރު އޮތް އިބްރާހިމް ނާސިރުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށެވެ.
ހިތަދޫ އާރްއޭފް އަކީ ވެސް އެހާރީ ތިކޮށް ލޭންޑް ސްކޭޕްކޮށް ކަރަންޓްގެ ޚިދުމަތްވެސް ލިބޭ ގޮތަށް އޮތް އިނގިރޭސިން ހަދާފައި އޮތް ތަނެކެވެ. މިއަދުގެ ޒުވާނުންނަށް ތާރީޚަށްޓަކައި އެތަން އޮތްގޮތް "ކުރެހުމަކުން ވެސް" މި އަދަކު ދެއްކޭކަށް ނެތެވެ، އެތާ ދާދި އިހަކަށް ދުވަހާ ޖެހެންދެން ހުރި ރުއްކޮޅު ވެސް މިހާރަކު ފެންނާކަށް ނެތެވެ.
މި ހުރިހާ ކަމެއް ވެސް ހިނގާފައި ވަނީ، އޭރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތާ އެއްގޮތަށެވެ. ގަމާއި ހިތަދޫ އާރްއޭފްގަ ހުރި އިމާރާތްތަކާ ތަންތަން ތަޅާ ސުންނާފަތިކޮށް ހެދީ "ސަރުކާރުގެ އެންގުމަށް" އައްޑޫޅުގެ ރައްޔިތުންގެ އަތްތަކުންނެވެ. އައްޑޫގެ ވެރިންނާ ރައްޔިތުންގެ ބަހެއް ނެތް މިކަމުގައި ސަރުކާރުން އަޑު ހާފައެއް، އަދި ބަހެއް ބުނަން ފުރުޞަތެއް ވެސް ދީފައެއް ނެތެވެ.
ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އިނގިރޭސިން ގަމުން ފޭބިތާ ތިން އަހަރު ވާން އުޅެނިކޮށެވެ. އެ މަނިކުފާނު އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) އެއް އުފައްދަވައިގެން އޭރު އޮތް ހިސާބުން މިއަދު ފެންނަން މިއޮތް ޙާލަތަށް ގަން ބަލަހައްޓަން ފެއްޓެވި އެވެ.
މާ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ނެތަސް އިތުރަށް ގަމުގެ ހާލަތު ގޯސްވިޔަ ނުދީ ގަމަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބަލަހައްޓާ ޚާއްޞަ ތަނެއް ކަމުގައި ކަނޑައަޅުއްވާ އެއާޕޯޓް ވެސް އޮޕަރޭޝަނަށް ގެނެސް މާލެ އާއި ގަމާ ދޭތެރޭ ވައިގެ އުދުހުން ފައްޓަވާ މިއަދުގެ ޖީލްތަކާ ހަމަޔަށް ގެނެސް ދެއްވި އެވެ. އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާހަވާލުވެ ވަޑައިގެންނެވި އިރު ސަރުކާރަށް ރެވެނިއު ލިބޭ ގޮތަށް ޑިވެލޮޕްވެފައި އޮތް ޓއަރިޒަމެއް ވެސް ނެތެވެ.
ސަރުކާރަށް ދެމަހެއްޓެނިވި ގޮތުގައި އާމްދަނީ ލިބޭނެ ޓެކްސް ނިޒާމެއްވެސް ގާއިމު ވެފައެއް ނެތެވެ. އަދި ދައުލަތުގެ ތިޖޫރީގައި ފައިސާއެއް ވެސް ނެތެވެ. އެހެން ނަމަވެސް ސަރުކާރުން އައްޑޫ އަތޮޅުގެ ރައްޔިތުންގެ ތަޢުލީމާއި ޞިއްޙަތާއި އިދާރީ ހިންގުން ތަރައްޤީ ކޮށް ކުރިއަރުވަން ހޭދަކޮށް މަސަައްކަތްތަކެއް ކޮށްއިފަ ހުރިކަން އެނގެން އެބަހުއްޓެވެ.
ކައުންސިލް އޮފީހާއި އެއާޕޯޓް ޑިވެލޮޕް ކުރުމާއި ލިންކްރޯޑާއި ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމް ދެވޭ މަދަރުސާތައް ބިނާ ކުރުމާއި މި ކަންތައްތަކަކީ، އައްޑޫގެ ރައްޔިތުން އަދި ވެރިންގެ މާބޮޑު ދައުރެއް އޮވެގެން ކުރެވުނު ކަންތައްތަކެއް ނޫނެވެ. އެއީ، އޭރުގެ އެ ސަރުކާރުގެ ސިޔާސަތެވެ
ދެން އެއްޗެއް ބުނެލަން އޮތީ، މިހާރުގެ ޙާލަތާ ބެހޭ ގޮތުންނެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އައްޑޫ މިއަދު މި ފެންނަ ތަރައްޤީގެ މަޝްރޫޢުތަކުގެ ބިންގާ އެޅިގެން ދިޔަ އެވެ. އޭގެ ތެރޭގައި ހިތަދޫ މާމެންދޫ ސަރަހައްދުގެ ލޭންޑްސްކޭޕަށް އައިސްފައިވާ ބަދަލުތަކާ އޭރު ބިނާކުރި ކޮންވެންޝަން ސެންޓަރުގެ ސަބަބުން މުޅި އެސަރަހައްދަށް ގެނެވުނު ޑިވެލޮޕްމެންޓާ ފެށިގެންދިޔަ ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކާއި މިކަން ކަމަކީ، އެއްވެސް ޙަލެއްގައި ކައުންސިލް ނުވަތަ އޭރުގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ މާ ބޮޑު ދައުރެއް އޮވެގެން ކުރެވުނު ނުވަތަ ފެށުނު ކަންތައް ތަކެއް ނޫނެވެ.
އެހެން ނަމަވެސް އޭރު އޮތް ކައުންސިލަކީ އެމްޑީޕީ ތަމްސީލުކުރާ ކައުންސިލަކަށްވުން އެއީ އެކަމަށް މަގު ހުޅިވިގެން ދިޔަ މައިގަނޑު ސަބަބު ކަމަށް ދެކެމެވެ. އޭގެ ފަހުން ދެން އައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަވެ. އެ ވެރިކަމުގައި އައްޑޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކަށް ވުމުން ދެން ކަންވެގެން ދިޔަ ގޮތް ހަނދުމަފުޅު ހުންނާނެ ކަމަށް ހީކުރަމެވެ. ރައީސް ޔާމީން ސަރުކާރުން ކޮންވެންޝަން ސެންޓަރު ޒަމާނީ ވަސީލަތްތަކާއެކު ބަލި މީހުންނަށް ފަރުވާދޭ ހަސްފަތާލަކަށް ބަދަލުކޮށްލި އެވެ.
އެއީ ހަމަ ގައިމުވެސް އޭރުގެ ކައުންސިލް އިން ބޭނުންވެގެން ކުރި ކަމަކަށް ނުވާނެ. އެވެ. އެއީ، އެ ސަރުކާރުގެ ސިޔާސަތެވެ.
ދެން އޮތީ މިހާރު މިއޮތް ކައުންސިލްގެ ވާހަކަ އެެ. މިހާރު މިއޮތް ކައުންސިލަށް ލިބިގެން ހިނގައްޖެ އެންޑީޕީގެ ސަރުކާރެއްގެ ފުރިހަމައެއް ދައުރެވެ. އެ ސަރުކާރުން އައްޑޫގްއި ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގައިފި އެވެ. ވަރަށް ބޮޑަށް ކައުންސިލަށާއި ރައްޔިތުންނަށް އެއްބާރުލުން ދީފި އެވެ.
ނަތީޖާއަކަށްވީ މީގެ ކުރިން އެއްވެސް ކައުންސިލަކަށް ހާސިލް ކުރެވިފައި ނެތް ނަތީޖާ މި ކައުންސިލްގެ ދައުރުގައި އައްޑު އަށް ހާސިލްވެގެން ދިއުމެވެ. މި ނަތީޖާގެ ކްރެޑިޓް ހަމައެކަނި މޭޔަރަށް އަދި ކައުންސިލަށް ވެސް ދެވޭކަށް ނެތެވެ.. އެނަތީޖާ ނެރެވުނީ ކުރިން ވެސް ދެންނެވިހެން އޭރުގެ ސަރުކާރާ ކައުންސިލް އެއީ އެއް ޕާޓީއަކަށް ނިސްބަތްވާ އެއް ފިކުރެއްގެ އެއްބަޔަކަށް ވުމުން ނެރެވުނު ނަތީޖާއެކެވެ.
ކުރިއަށް ވެސް އޮތީ ޓެސްޓްކޮށްލެވޭނެ ދުވަސް ވަރެއްކެވެ. އެނގޭ ކަމަކީ، މިހާރު މިއޮތް ސަރުކާރަށް ނިސްބަތްވާ ސަރުކާރުގެ މެޖޯރިޓީ ތަމްސީލުކުރާ ކައުންސިލެއް އިންތިޚާބުވެގެން ނޫނީ ކަރަންޓެއް، ފެނެއް އެހެން އެއްޗެއްވެސް ހޯދަން ކަ އުންސިލަރުންނާއި މޭޔަރު ކިތަންމެ ކުޅަދާނަ ބަޔަކަށް ވިއަސް އެއް ކަމެއް ވެސް ނުކުރެވޭނެ ކަމެވެ.
މި ލިޔުމުގައި އަޅުގަނޑު ދަންނަވަން މި އުޅެނީ އެއްގޮޮތަކަށްވެސް ކައުންސިލްގައި ތިއްބެވި ބޭފުޅުން އެ ބޭފުޅުންގެ މަޤާމުތަކަށް ޤާބިލް ނޫން ވާހަކައެއް ނޫނެވެ. ހުރިހާ ބޭފުޅުން ވެސް ޤާބިލެވެ. އެހެން ނަމަވެސް ކިތަންމެ ޤާބިލް ކަމަށް ވިއަސް ކަން ހިނގަމުން ދާ ގޮތް އަޅުގަނޑަށް ފެންނަ ގޮތަށް މި ދަންނަވާލީ އެވެ.
މިލިއުން ކޮޅު މިއީ ހުރިހާ ބޭފުޅުންގެ ވިސްނުމާ އެއްގޮތް ލިއުން ކޮޅަކަށް ނުވެ ހިނގައިދާނެ އެވެ. އެހެން ނަމަވެސް މިއީ،އަޅުގަނޑުގެ ޚިޔާލެބެ. އަޅުގަނޑު ދެކޭ ގޮތެވެ. މައުލޫމާތުގައި ކުށެއްވާ ނަމަ މާފަށް އެދެމެވެ އަދި އިޞްލާޙުކޮށް ދެއްވައިފި ނަމަ ޝުކުރުވެރި ވާނަމެވެ. ވައްސަލާމް!
ނޯޓް: މިއީ އަހުމަދު އާދިލްގެ ލިޔުމެކެވެ.