އައްޑޫ ހަންކެޑައިގައި ހަދާފައިވާ އާ ބްރިޖް ނުހުޅުވި ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު ވިދާޅުވީ ބްރިޖްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮންޓްރެކްޓަރު ނިންމާފައިވާ ކަމަށާއި ބްރިޖް ހުޅުވުމާއި ވީރާނާވެފައިވާ ލިންކްރޯޑް އަލުން ހެދުމާއި ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތު ކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަށް ކަމަށެވެ.
މި މަސައްކަތް ތަކަކީ އައްޑޫ މަގު ހެދުމުގެ މަސައްކަތުގައި ހިމެނޭ މަސައްކަތްތައް ކަމަށާއި ކައުންސިލުން މި މަސައްކަތްތައް އަވަސްކުރުމަށް ތަކުރާރުކޮށް އެދެމުންދާއިރު އެދެވޭ ޖަވާބެއް މިނިސްޓްރީގެ ފަރާތުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބްރިޖް އެންމެ ފުރަތަމަ ހުޅުވަން ޕްލޭންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޖުލައި މަހުގެ ތެރޭގައި ބްރިޖް ހުޅުވާނެ ކަމަށް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް ބްރިޖްގެ އެކިއެކި ކުދިކުދި ބައެއް މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން އާންމުކޮށް ބްރިޖް ހުޅުވައިލުން ލަސްވެގެން ގޮސްފައި އޮތީ އެވެ.
މި ބްރިޖް އާންމުކޮށް ހުޅުވުން ލަސްވި ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރޭގައި ރާއްޖެ އަސް ކުރެއްވި ދަތުރުގެ ތެރޭގައި އައްޑު އަށް ވަޑައިގެން ބްރިޖް އިފުތިތާހު ވެސް ކޮށް ދެއްވި އެވެ.
މި ބްރިޖަކީ އައްޑޫ މަގުތައް ހެދުމަށް އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ ގައުމުގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން ހަދާފައިވާ ބްރިޖެކެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށީ 2021 ގަ އެވެ.
ހަންކެޑެ އާ ބްރިޖަކީ އިންޓަރަގްރޭޓެޑް ޓޫރިޒަމަށް އެތަން ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށުގެ ބިމަށް ޖާގަ ހޯދުމުގެ ގޮތުން ލިންކް ރޯޑްގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު މިހާރު އޮތް ބަރިޖްގެ ބަދަލުގައި ހެދި ބްރިޖެކެވެ. އަދި އާ ބްރިޖް މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅޭ ގޮތަށެވެ.
ހަތަރު ލޭން ހިމެނޭ މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.